ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ މެމްބަރުން ތި ކުރެއްވި ހިތްވަރުގަދަ މަސައްކަތެއް: ޝާހިދު
ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ މެމްބަރުން ރޭ ކުރެއްވި ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި އެކަމަށް އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެންނެވެ
އެގޮތުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ މަޖްލިސް މެމްބަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަަތަށް އައްސަރިބަހާ ސާބަސް ދަންނަވާފައެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފަށްފަށުން ޝުކުރުރިއްޔާ. ފެނިގެން މި ދިޔައީ ދިވެހި ރައްޔިތުންގެ ބާރު" ޝާހިދު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ޙައްޤުގައި އެމް.ޑީ.ޕީގެ މަޖްލިސް މެންބަރުން މިއަދު ތިޔަ ކުރެއްވި ހިތްވަރުގަދަ މަސައްކަަތަށް އައްސަރިބަހާ ސާބަސް. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފަށްފަށުން ޝުކުރިއްޔާ. ފެނިގެން މި ދިޔައީ ދިވެހިރައްޔިތުންގެ ބާރު! pic.twitter.com/2g4bSHkd3P
— Abdulla Shahid (@abdulla_shahid) June 1, 2020
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ޤާނޫނުއަސާސީއަށް ހުށައެޅި އިސްލާހު ފާސް ކޮށްފައިވަނީ 74 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤާނޫނުއަސާސީ އިސްލާހުކުރުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސުޕްރީމް ކޯޓުގެ ލަފައާއި އެެއްގޮތަށް ގެނެސްފައިވާ އިސްލާހެކެވެ.
އެގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިންތިގާލީ ދެ އަކުރެއް އިތުރުކޮށްފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ތިނެއް ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މަގާމުގައި ދެމިތިބޭނެކަމަށެވެ.
މީގެ އިތުރުން އެ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށެވެ.