ރާއްޖެއަށް ބޭނުންވާ ބީސީޖީ ވެކްސިން އިންޑިއާއިން ދީފި

ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރު ކޮށްދީފިއެވެ.
ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުން މުމްބާއީއިން މި ޝިޕްމެންޓް ގެނައީ ކުއްލި ގޮތަކަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރާއި، ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަވައްޓެރި އިންޑިއާ އަކީ ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހި ސަރުކާރުގެ އެދުމަކަށް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރު ކޮށްދީފައިވާ ކަމަށެވެ.
ބީސީޖީ ވެކްސިނަކީ އެންމެ ގިނައިން ބޭނުން ކުރެވޭ އެއް ވެކްސިންކަމަށް ވާއިރު، އެއީ މެނިންޖައިޓިސްއާއި ކުޑަކުދިންނަށް ޖެހޭ ޓީބީ ނައްތާލުމަށް ބޭނުންކުރެވޭ ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ނޭވާލާ ނިޒާމަށް ޖެހޭ ގިނަ ބަލިތަކުން ވެސް ރައްކާތެރިކޮށްދޭ ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ.