40،230 މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ، ރާއްޖެއިން ޖެހި މީހުންގެ އަދަދު 40،230 އަށް އަރައިފިއެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރެއިން 3,540 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖަހައިފައިވާ މީހުންނެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖެހީ 1،396 މީހުންނެވެ.
އިއްޔެގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދަކީ 279,302 އެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ، 193 މީހަކު މާލެ ސަރަހައްދުން އިއްޔެ ޖަހައިފައިވާއިރު، 1،040 މީހަކު އަތޮޅު ތެރެއިން ޖަހައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއެވެ.
ސިނަފޯމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ވެސް މާލޭގައި މިހާރު އަންނަނީ ދެމުންނެވެ. މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތައް ރޭގަނޑު 21:00 ފެށިގެން 23:45 ހަމަޔަށް ހުޅުވާފައި ހުންނާނެ ކަމަށާއި މިގޮތަށް ވަގުތަށް ބަދަލު ގެނެވުނީ، ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު ގިނަ ވުމުގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހަމައެއާއެކު، އެމްއޭސީއެލް ވެކްސިނޭޝަން ސެންޓަރުގައި އެއަރޕޯޓު ޕާސް އޮންނަ ފަރާތްތަކަށް ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހައިދިނުން މިރޭ ފަށާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ. އެ ސެންޓަރު ހުޅުވިފައި ހުންނާނީ 21:00 އިން 23:00 އަށެވެ.