ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގުން ގާނޫނަކުން މަނާ ކުރަނީ
ފޯނަށް ބަލަހައްޓައިގެން ހުރެ މަގުމަތީގައި ހިނގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ގެ ހެދުމަށް ޖަޕާނުން ތައްޔާރުވެއްޖެއެވެ. އެގޮތުން ޖަޕާނުގެ ޔަމާޓޯ ސިޓީގައި މިކަން ތަންފީޒުކުރުމަށްޓަކައި ސިޓީ ކައުންސިލަރުން ގެ މެދުގައި ވޯޓެއް ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެ ސިޓީ އިން ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގުން މަނާ ކުރަން ނިންމާފައިވަނީ އެ ސިޓީ ގައި ކުރި ދިރާސާއެއްގައި މާ ގިނަ މީހުން ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގާ ކަމަށް ދެއްކުމުންނެވެ.
އެގޮތުން ޖަޕާނުގެ ސޫރާ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސިޓީގެ ދެ ރޭލް ސްޓޭޝަން ގެ ކައިރިން ހަ ހާހަށް ވުރެ ގިނަ މީހުން ހިނގާކަމަށް ރެކޯޑުކުރެވިފައިވާ އިރު އޭގެ ތެރެއިން 12 އިންސައްތަ މީހުން ހިނގަނީ ފޯނަށް ބަލަހައްޓައިގެންނެވެ.
އަދި ފާއިތު ވި މަސްތަކުގައި ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގަމުން އަންނަނިކޮށް އަނިޔާ ލިބުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
އަދި މި ދިރާސާ ގެ ފަހުން ސިޔާސީވެރިން އަަންނަނީ މިކަން މީހުންގެ ސަމާލުކަމަށް ގެނެސް މަނާކަމަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޖޫން މަހު ނެގުމަށް ހަމަޖެހިފައިވާ މި ވޯޓުން އެ ގާނޫނު ފާސްވެއްޖެނަމަ ޔަމާޓޯ ސިޓީ ވެގެންދާނީ ޖަޕާނުގައި ފޯނަށް ބަލަހައްޓައިގެން ހުރެ ހިނގުން މަނާ ފުރަތަމަ ސިޓީއަށެވެ.