ޚަބަރު

ރައީސް ނަޝީދު ރޭގައި އަމަލު ކުރެއްވީ ގަވައިދާ ޚިލާފަށް : ރިޔާޒް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުންދާއިރު މަޖިލިހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަން ނުވެއްޖެނަމަ ރިޔާސަތުން އަދި މެމްބަރުން ޢަމަލްކުރަންޖެހޭނެ ގޮތް މަޖިލީހުގެ ޤަވާއިދުގެ 65 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާޒް މިހެން ވިދާޅުވީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޤަވާއިދުގެ 65 ވަނަ މާއްދާ ގެ ފޮޓޯ އެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އަދި ރޭގައި ރައީސް ނަޝީދު އަމަލު ކުރައްވާފައިވަނީ ގަވައިދާ ހިލާފަށް ކަމުގައި ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިޙުގެ ގަވައިދުގެ 65 ވަނަ މާއްދާގެ ކ ގައިވާ ގޮތުން މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވައިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާ ގައި ހާޒިރުވެނެތް ކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވެއެވެ.

ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!