ޚަބަރު

މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގަން ރިޔާސަތުން ހިތްވަރު ދިނުމަކީ ދެރަކަމެއް: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ރިޔާސަތުން އަމަލުކުރުމަކީ ދެރަކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ނަން އިއްވުމުން ގަވާއިދަށް ހުރުމަތްތެރިކޮން ހިތައި ބޭރަށް ނުކުންނަވަން ޖެހޭނެ ކަމަށެވެ. އަދި އެމެންބަރަކު ނުނިކުމެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްވެސް ގަވާއިދުގައިވާ ކަމަށެވެ. ނަމަވެސް އެއާހިލާފަށް މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ރިޔާސަތުން އަމަލުކުރުމަކީ ދެރަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މަޖިލިހުގެ ޖަލްސާއެއް ހިގަމުންދާއިރު މަޖިލިހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަން ނުވެއްޖެނަމަ ރިޔާސަތުން އަދި މެމްބަރުން ޢަމަލްކުރަންޖެހޭ ގޮތް މަޖލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފަވާ ކަމަށެވެ. ނަމަވެސް ރޭ ކަންހިނގާ ގޮސްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސް، މެންބަރެއްގެ ނަން އިއްވުމުން އެ މެމްބަރަކު ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވައިދުގެ ބޭނުމަށް، އެމެމްބަރަކު ޖަލްސާ ގައި ހާޒިރުވެނެތް ކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވެ އެވެ.

ރޭ ދަންވަރު ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދެއްކެވުމުން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އަޑުގަދަ ކުރައްވާފަ އެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފަ އެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް، އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!