ޚަބަރު

މެމްބަރު ހުސެއިން ގައިގައި އީވާ ޖެހިކަމަށް ބުނާ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެން މުހައްމަދު ލަތީފުގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިންޖެހި ކަމަށް ބުނާ މައްސަލަ ބަލަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ އެންގެވުމަށް އެމްޑީޕީގެ މެމްބަރުން ހިންގި ހަމަނުޖެހުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ، މެމްބަރު ހުސެއިންގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަގާމެއް ކަމަށްވާއިރު، އެމަގާމުގައި ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި އަދި ހަޑިމުޑުދާރު އަމަލެއް ހިންގުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އަދި ނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބީ އަމަލު ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ރޭ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް އަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެ މައްސަލަ އިދިކޮޅުން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!