ވަގުތީ ކައުންސިލަރުންގެ ބާރުތައް ހަނިކުރާ ބިލް ތަސްދީގު ކުރައްވައިފި
ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު މިއަދު ކުރައްވައިފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރޭ ދަންވަރު އެވެ. އެކަމަކު އެ އިސްލާހު އޮތްގޮތުން ވަގުތީ ގޮތުން ކައުންސިލް މެމްބަރުން ދެމިތިބޭ މުއްދަތުގައި ބާރުތައް ބޭނުން ކުރުމާ ބެހޭ ވަކި ގާނޫނެއް ފާސްކުރަން ޖެހޭނެ އެވެ.
ކައުންސިލަރުން ތިބޭނެ އުސޫލުތައް ހިމެނޭ ގާނޫނެއް ފާސްކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ނިންމީ ގާނޫނު އަސާސީގައި އިތުރު ކުރި އިންތިގާލީ މާއްދާގެ މުއްދަތުގައި ދިމާވެދާނެ އިތުރު ގާނޫނީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައެޅުމަށެވެ.
މަޖިިލީހުން ރޭ ފާސްކުރި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލް 2020" މިއަދު ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ ބިލް މިއަދު ގާނޫނަކަށް ވުމާ އެކު، މާދަމާއިން ފެށިގެން ބައެއް ބާރުތައް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަށް ފަހު އެވެ. އަދި މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވައިލުމަށް ފަހު، ހަތް ދުވަހުގެ ތެރޭގައި އާ ބޯޑެއް ރައީސް އައްޔަން ކުރަން ވެސް އެ ގާނޫނު ލާޒިމްކުރެ އެވެ.
ގާނޫނު ބުނާގޮތުން މާދަމާ އިން ފެށިގެން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާންމު ޚިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
ކައުންސިލް އިންތިހާބު ނުބޭއްވޭއިރު ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތެއްގައި ހުސްވި ކައުންސިލަރުގެ މަގާމަށް މީހަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކައުންސިލަރަކު އައްޔަން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.