ޚަބަރު

އައިޖީއެމްއެޗްގެ އިހުމާލުން ދަރިފުޅުގެ ގުނަވަނެއް ނަގަން ޖެހުނު މައްސަލައެއް!

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗްގެ އިހުމާލުން ދިވެއްސެއްގެ ދަރިފުޅުގެ ގުނަވަނެއް ނަގަން ޖެހުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by STELCO

ގުނަވަން ނަގަން ޖެހުނީ މަޝްހޫރު އެތުލީޓް، ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ދަރިފުޅުގެއެވެ.

ހުސެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވަރަށް ބޮޑަށް ރިއްސާތީ އެންމެ ފުރަތަމަ ދަރިފުޅު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ މަހު 27 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ރިއްސަނީ ކޮންތާކު ކަމެއް އަދި ކޮން ގުނަވަނަކު ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗެގެ އީއާރުގައި އިން ޑޮކްޓަރު ދަރިފުޅުގެ ކުޑަ އެގްޒަމިނެއް ހެދުމަށް ފަހު ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ބުނެ، ބޭސް ދީފައި ދޫކޮށްލީ އެވެ. އެކަމާ ހުސެން ޑޮކްޓަރާ ދެތިން ފަހަރު ސުވާލު ވެސް ކުރި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އަނެއްކާ ވެސް އެތަނުގައި މާބޮޑަށް ރިއްސައި ގުނަވަން ދުޅަވާތީ ދަރިފުޅު ގޮވައިގެން ހުސެން، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު އަނެއްކާ ވެސް އައިޖީއެމްއެޗަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އޭރު އީއާރުގައި އިން ޑޮކްޓަރު، ދަރިފުޅު އެތަން ބަލާފައި ކަންބޮޑުވުން ފާޅުކޮށް އެންމެ އަވަހަކަށް ސްކޭން ހެއްދުމަށް ބުންޏެވެ.

ނަމަވެސް ސްކޭން ހެއްދޭނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން ކަމަށް ޑޮކްޓަރު ބުނުމުން އެރޭ ދަރިފުޅުގެ ސާމްޕަލް ނެގި އެވެ. އަދި ނަތީޖާ ލިބެންދެން އީއާރުގައި މަޑުކުރަން ނުވަތަ ގެއަށް ދިއުމަށް ޑޮކްޓަރު އެދުނެވެ.

ހުސެންއާއި ދަރިފުޅު ގެއަށް ގޮސް ހަ ގަޑިއިރު ފަހުން އެނބުރި އައިސް، ނަތީޖާ ލިބުމުން ސްކޭން ހެއްދި އެވެ. އެކަމަކު ހުސެން ބުނިގޮތުގައި، އޭރު އޮތީ މާލަސްވެފަ އެވެ. އަދި ގުނަވަން މާބޮޑަށް ހަލާކުވެފައި ހުރުމުން ދެން ޖެހުނީ އޮޕަރޭޝަން ކުރާށެވެ.

އޮޕަރޭޝަން ކާމިޔާބެވެ. ނަމަވެސް ގުނަވަން ނަގަން ޖެހުމުން ދަރިފުޅުގެ ދިރިއުޅުމަށް ލިބުނު އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ. ފަރުވާ އަވަސް ކުރި ނަމަ އެ ވަރުގެ ގެއްލުމެއް ނުލިބުނީސް ކަމަށް ހުސެން ވެސް ހުސެން ބުންޏެވެ.

މި ޝަކުވާތައް އޭނާ ފޭސްބުކްގައި ހިއްސާކުރުމާ އެކު، އައިޖީއެމްއެޗުގެ ބައެއް ޑޮކްޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި ކަމަށް ބުންޏެވެ. އެ މީހުންގެ ކަންބޮޑުވުމަކީ އެކަން ސޯޝަލް މީޑިއާގައި އާއްމު ކުރުމެވެ. އެގޮތުން އައިޖީއެމްއެޗުގެ އީއާރުގެ އިސް ޑޮކްޓަރުންނާއި ޓީމު ބުނީ ސްކޭން ކުރެވެންދެން، އެތަނުގައި މަޑުނުކޮށް ގެއަށް ދިޔައީމަ ވީގޮތެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ދިފާއުގައި ހުސެން ބުނީ އޭނާ އެކަން ކުރީ، އެ ވަގުތު އީއާރުގައި އިން ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ކަމަށެވެ.

ހުސެން ބުނީ މި ކަހަލަ ފަރުވާކުޑަކަމާއި އިހުމާލު ބަލައެއް ނުގަނެވޭނެ ކަމަށާއި ފަރުވާ ކުރި ޑޮކްޓަރުންނާ މެދު ދައުވާ ވެސް ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!