ޚަބަރު

މަޖިލީހުން އަންދާޒާ ކުރިވަރަށް 2020 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން އަންދާޒާ ކުރިވަރަށް 2020 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުގައި 2020 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ މިންވަރު ކަމަށް ލަފާ ކޮށްފައިވަނީ 450،000 އާއި 641،000 އާ ދެމެދުގެ އަދަދެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ނިމިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް 555،215 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ސަރުކާރުން މިދިޔަ އަހަރަށް އަމާޒުހިފީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމާއެކު ރާއްޖެއަށް ޒިޔާރަތްކުރީ އެ އަދަދަށްވުރެ 72.24 އިންސައްތަ ދަށް އަދަދެކެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗުމަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރީ 382،762 ފަތުރުވެރިންނެވެ. އަދި ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލިފަހުން އަހަރު ނިމުމާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރީ 172،366 ފަތުރުވެރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!