އެސްބީއައިގެ ކާޑު ލިމިޓް މަހަކަށް 100 ޑޮލަރަށް ދަށްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ ބްރާންޗުތަކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ދަށްކޮށްފިއެވެ.
މިކަން އަންގައި އެސްބީއައިއިން އެ ބޭންކުގެ ކަސްޓަމަރުންނަށް ކުރި އީމެއިލުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން، އެ ބޭންކުގެ މާލެ ބްރާންޗުން ދޫކޮށްފައިވާ ކާޑުތަކުން، ރާއްޖެއިން ބޭރުން ވިޔަފާރި ކުރެވޭނީ އަދި ނެގޭނީ 100 ޑޮލަރު ކަމަށެވެ.
މީގެ ކުރިން އެސްބީއައި ކާޑުތަކުން ރާއްޖެއިން ބޭރުން 250 ޑޮލަރާ ހަމައަށް ވިޔަފާރިކޮށް ފައިސާ ނެގެއެވެ.
އެސްބީއައި އިން މިގޮތަށް ނިންމާފައިވާއިރު ގައުމީ ބޭންކު ބީއެމްއެލް އިން ވެސް ވަނީ ކާޑު ލިމިޓު ދަށްކޮށްފައެވެ.
ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި، ރާއްޖޭގެ ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެ ކުރުމުގެ އިތުރުން ރާއްޖޭން ބޭރުގެ ސިއްހީ ހިދުމަތްތަކާއި ތައުލީމް ހޯދުމަށް ދައްކަން ޖެހޭ ފައިސާއަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބުނެ ބީއެމްއެލް އިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް ކުޑަކޮށްފައި ވަނީ 250 ޑޮލަރަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭތީ އަދިވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.