މަޖިލީހުގައި ޝިޔާމަށް އަނިޔާކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
ގާނޫނު އަސާސީ އިސްލާހުކުރަން މި މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އެކަމަށް ރައްދު ދެއްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.
ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ދެބައި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފަ އެވެ. އަނިޔާތަކަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުން އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ.
އެ މައްސަލަ އެރޭ ފުލުހަށް ހުށަހެޅި އިރު ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ވަނީ މިރޭގެ ވަގުތެއްގައި ކަށަވަރުކޮށްދެއްވާފައެވެ.