މުނިފޫހިފިލުވުން

ސީޒަން 2 ގެ ޓްރެއިލާ އާންމުވެއްޖެ! "އެހެނަސް" އަދި ކުޑަ އިންތިޒާރެއް!

ދެން އެމްވީ ، ދެން އޮންލައިން

ބައިސްކޯފުން ދައްކަމުން ދިޔަ ވެބްސީރީޒް ތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް އެޕިސޯޑަކީ "އައިކިޔު ޕްރޮޑަކްޝަންސް"އާއި އާރް ޓޫ ޒީ" އަދި "އާރް ސްކޮޔާޑް" ގުޅިގެން އުފައްދާފައިވާ ކާމިޔާބު ވެބްސީރީޒް "އެހެނަސް" އެވެ.

Ads by STELCO

ބެލުންތެރިން ވަރަށް ޝައުޤުވެރިވާފަދަ ގޮތަކަށް "އެހެނަސް" ގެ ސީޒަން 1 ނިންމާލާފައިވާއިރު، ސީޒަން 2 ފަށާނެ ދުވަހަކަށް ގިނަ ފަރާތްތަކުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. އިންތިޒާރުގެ ވަގުތުކޮޅު ކުޑަތަންވަމުން އަންނަ ކަމުގެ އުފާވެރި ޚަބަރު މިއަދު "އެހެނަސް" ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ދީފައެވެ.

"އެހެނަސް" ސީޒަން 2 ގެ ޓްރެއިލާ މިއަދު 12 ޖެހިއިރު ރިލީޒް ކޮށްފައިވާއިރު، މިހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހު ސީޒަން 2 ގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ފެންނާނެކަން ވެސް ހާމަ ކޮށްފައިވެއެވެ.

ހަނގާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އުފައްދާފައިވާ "އެހެނަސް" ވެބްސީރީޒްގެ ލީޑް ރޯލުން ފެނިގެންދަނީ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ އަދި ޓިކްޓޮކް އިންވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި ހަމައެފަދައިން ޓިކްޓޮކް ގައި އަދިވެސް ފިޔަޖަހަމުން އަންނަ ކުޅަދާނަ ތަރިއެއް ކަމަށްވާ ފާތިމަތު ސަރާ އާދަމް (ޝަރާ) އެވެ. މީގެއިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގެ "ޕަވަރ ކަޕްލް" ޝީލާ ނަޖީބު އާއި މުޙައްމަދު މަނިކު ވެސް މިސީރީޒްގައި ފެނިގެންދެއެވެ.

އެމީހުންގެ އިތުރުން ދެން ފެނިގެންދަނީ މިދާއިރާއަށް އަލަށް ތަޢާރަފްވި އައިމިނަތު ސިލްނާ، އައިމިނަތު ޝަމާނާ، މަރިޔަމް ވަހީދާ (ޔަމް)، އަޙްމަދު ޝާރިފް، އަޙްމަދު މަސީޙު، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް (ދޮނާ) އެވެ. މީގެއިތުރުން ފިލްމު "ބޮސް" އިން ފިލްމީދާއިރާއަށް ތަޢާރަފްވި ގިނަ އަންހެންކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ) ވެސް މުހިންމު ރޯލުތަކުން ފެނިފައިވެއެވެ. އެމީހުންގެ އިތުރުން ދިވެހި ގިނަ ފިލްމުތަކަކުން ފެންނަމުންދާ އަލީ ނަދީޙް (ޗަންނަ) ވެސް "އެހެނަސް" ވެބް ސީރީޒްގައި އޭނާގެ ކުޅަދާނަ އެކްޓިން ދައްކާދީފައިވެއެވެ.

ސީޒަން 1 އިން ވެސް ފެނިފައިވާ މިތަރިންގެ އިތުރުން ސީޒަން 2 ގައި އައު ތަރިންތަކެއް ވެސް ފެނިގެންދާނެ ކަމަށް މިސީރީޒްގެ ޕްރޮޑިއުސަރ އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހްމަދު އިޤްބާލް (އައިކިޔު) "ދެން" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ނަމަވެސް އެމީހުންގެ ތަޢާރަފެއް ފަހުން ދޭނެ ކަމެއް ވެސް އައިކިޔު ބުނެފައިވެއެވެ.

"އެހެނަސް" ސީޒަން 2 ގައި ފެނިގެން ދާނެ އައު ތަރިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވާ ތަރިއަކީ، ސީޒަން 1 ގެ ފައިނަލް އެޕިސޯޑު ނިމުންއިރު ސީރީޒަށް ތަޢާރަފްވި އައިޝަތު ރިޝްމީ އެވެ. ބެލުންތެރިން ސިއްސުވާލާފަދަ ރޯލެއް ކަމުގައިވާ "ޝާއިރާ" ގެ ރޯލުން ރިޝްމީ ދެކިލަން ކެތްމަދުވެފައި ތިބި މީހުން އެހާމެ ގިނައެވެ.

ރިޝްމީގެ އިތުރުން ވަރަށް ޚާއްސަ އަދި ތަފާތު ފެނިލުމަކުން ސީރީޒްގެ ކުޅަދާނަ ޑައިރެކްޓަރ ރަވީ ފާރޫޤް ވެސް ހިމެނެއެވެ. "ހުވާ" އިން ރަވީ ވަކިވުމުން އޭނާގެ އެކްޓިންގ ބަލާލާހިތުން ތިބި މީހުން އިންތިހާއަށް އިތުރުވެއްޖެއެވެ.

މީގެއިތުރުން ސީޒަން 2 ގައި މުޅިއަކު 12 އެޕިސޯޑް ހިމެނޭއިރު، އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނެޓާއި 40 މިނެޓާއި ދެމެދު ކަމަށް ވެސް އައިކިޔު ބުނެފައިވެއެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!