އިއްޔެ މާލޭގައި ހަމަނުޖެހުން ހިންގި ބަޔަކު ހޯދަނީ
އިއްޔެ މެންދުރުފަހު މާލެ ސިޓީގައި ހަމަނުޖެހުން ހިންގި ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު ބޮޑުތަކުރުފާނުމަގު، ހުޅުލެ ފެރީތައް އޮންނަ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގެ މަންޒަރު ފުލުހުންގެ ސީސީޓީވީ އަށް ފެނިގެން އެ ސަރަހައްދަށް ފުލުހުން ގޮސް ހަމަނުޖެހުން ހިނގި މީހުންގެ ތެރެއިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށާއި އަދި އެ މައްސަލައިގައި ޝާމިލްވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެެ.
އިއްޔެގެ ހަމަނުޖެހުމުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެވީޑިއޯގައި ފެންނަ ގޮތުން އެ ސަރަހައްދަށް ދެ ފުލުހުން ސައިކަލެއްގައި އަންނަ މަންޒަރު ފެނެއެވެ. ފުލުހުން ދުއްވި ސައިކަލް އެހެން ވެހިކަލްއެއްގައި ޖެހި ސައިކަލާއެކު ދެ ފުލުހުން ވެއްޓެ އެވެ. ނަމަވެސް ފުލުހުން ވަނީ ސައިކަލަށް ބެލުމެއްނެތި ވަގުތުން ތެދުވެ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފަ އެވެ.
އެހަމަނުޖެހުން ހިނގަން މެދުވެރިވީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުުކުރެ އެވެ.