ރީތި ތުނބުޅި އެއްގެ ސިއްރުތައް
ރީތި ދިގު ތުނބުޅިއެއް ހުރުމަކީ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއްކަމަށް ގިނަ މީހުން އެއްބަސް ވެއެވެ. ތުނބުޅި ރަނގަޅަށް ނުފަޅާ، ނުވަތަ އަބަދު ޝޭވްކޮށް މޫނުމަތި "ކުކުޅުބިހެއްގެ ތޮށިގަނޑު" ފަދައިން ހަދާފައި ހުންނަ ފިރިހެނުން ގިނަ އަންހެނުންނަށް ކަމަކުވެސް ނުދެއެވެ.
އަދި ތުނބުޅި އެއް ހުރުމަކުން ވެސް ނިމުނީ އެއް ނޫނެވެ. ތުނބުޅި ރީތިވާން ވެސް ޖެހެއެވެ. މި ހިމަނާލަނީ ރީތި ތުނބުޅި އެއް ގެ ފަހަތުގައިވާ 4 ސިއްރެވެ.
1. މޫނު ސާފުކޮށް ބެހެއްޓުން
މޫނު ސާފުކޮށް ރީތި ކޮށް ބަހައްޓާ ވާހަކަ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ އަންހެނުން މޫނު ސާފުކޮށް ބެހެއްޓުމަށް ކުރާ މަސައްކަތެވެ. ނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީ ވެސް މޫނުގެ ރީތިކަމަށް ސަމާލުކަން ދީ އަދި 'ސްކިން ކެއާ ރޫޓިން' އެއް ގެންގުޅެން ޖެހޭ ބައެކެވެ. އަދި ތުނބުޅި އެއް ރީތި ވުމުގައި ސާފު މޫނަކީ ވެސް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.
މޫނު ގެ ހަންގަނޑު ކުރަކި ވިޔަ ނުދީ ބެހެއްޓުމަށް އެލޯ ވެރާ ގެ ޕްރޮޑަކްޓެއްގެ ބޭނުން ކޮށްލެވިދާނެއެވެ.
2. ތުނބުޅި ސާފުކޮށް އަދި މަޑުކޮށް ބެހެއްޓުން
ކުރަކި ވެ ހިކިފައިވާ ތުނބުޅި ރީތި ނޫން ކަމަށް އަހަރެެމެން އެންމެނަށް ވެސް އެއްބަސް ވެވޭނެއެވެ. އެހެން ކަމުން ސާފުތާހިރު ކަމަށް އިސްކަންދީ ތުބުޅި ވެސް ސާފުކޮށް، މަޑުކޮށް ރީތިކޮށް ބާއްވަން ޖެހެއެވެ.
ތުނބުޅި ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ތުނބުޅި ދޮވުމަށް ހަފުތާއަކު ދެ ދުވަހަށްވުރެ އިތުރަށް ޝޭމްޕޫ ބޭނުން ނުކުރާށެވެ. ގިނައިން ކޮންޑިޝަނާ ބޭނުންކުރާށެވެ.
3. ތުނބުޅީގައި ފުނާ އެޅުން
ތުނބުޅީގައި ފުނާ އެޅުމުން ތުނބުޅީގައި އެއްވަރަކަށް ތެޔޮ ފެތުރިގެންދެއެވެ. އަދި ތުނބުޅީގައި ފުނާ އެޅުމަކީ، ތުނބުޅި ރީތިކޮށް ބެހެއްޓުމަށާއި ތުނބުޅި ރީތިކޮށް ފެޅުމަށް ވެސްއެހީވެދޭނެ ކަމެކެވެ. ބިއާޑް އޮއިލްއަކީ ތުނބުޅީގައި ބޭނުންކުރުން އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. ފެންވަރައިގެން ނިކުމެ، ބިއާޑް އޮއިލް ހާކާށެވެ. މިއީ ތުނބުޅި އަދި ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. އަދި ތުނބުޅީގައި ބިއާޑް ބާމް ބޭނުންކުރެވިދާނެއެވެ. މީގެ ތުނބުޅީގެ އިސްތަށިތައް މަޑުކޮށްދީ ރީތިކޮށް ބަހައްޓައިދެއެވެ.
4. އެވަރަށް ތުނބުޅި ޓްރިމް ނުކުރޭ
ރީތި ތުނބުޅިއެއް ބޭނުންނަމަ، މާގިނައިން ތުނބުޅި ޓްރިމް ކުރުމާއި ޝޭވް ކުރުން ރަނގަޅެއް ނޫނެވެ. ތުނބުޅި ދިގު ކުރުމަކީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ތުނބުޅި އެއްވެސް ވަރަކަށް ޝޭވް ވެސް ޓްރިމްވެސް ނުކޮށްހަތަރު ހަފްތާވަރު ބަހައްޓާލާށެވެ.