ޚަބަރު

މަޖިލިސް ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ: ހަސަން ލަތީފް

ދެން އެމްވީ ، ދެން އޮންލައިން

މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ ހުރެގެން ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދެއް އެއްވެސް ދާއިރާއަކުން ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް އަދާލަތު ޕާޓީއަށް ކާމިޔާބު ކުރެވިފައިިނުވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން މިނިސްޓަރު އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ހަސަން ލަތީފް މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބައްލަވާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު މައްސަލަ ބައްލަވާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ އިންސާފްވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

"އެހެން ކަމުން އިންސާފްވެރިކަމާ އެކުގައި މައްސަލަތައް ބަލައި ތަހްގީގްކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށް ވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިކުރާ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފްވެރި ގޮތުގައި އެ މައްސަލަތައް ބެލި ހުރިހާ ފަރާތްތަކަށް އިންސާފް ލިބުމަށް ފުލުހުންގެ ފަރާތްތުން ކޮށްދޭން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނެން،" މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އެކަމަށް ރައްދު ދެއްވާފައެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް އެކަމަށް ޝިޔާމް ދެކޮޅު ހެދުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކޮށް އެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާ ދެބައި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ވެފަ އެވެ. އަނިޔާތަކަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުން އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ.

އެ މައްސަލަ އެރޭ ފުލުހަށް ހުށަހެޅި އިރު ޖިނާއީ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!