މުނިފޫހިފިލުވުން

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން، އެއީ ހަނގާ ކުރަންޖެހޭ ސަބަބެއް ވެސް ނޫން: ސޭންޑީ

ހަނގާ ކުރުން ނުވަތަ ގިނަ މީހުންނަށް އެނގޭ ބަހުންނަމަ "ބުލީ " ކުރުމަކީ، ގިނަ ދިވެހިން ބުނާ ގޮތުންނަމަ އެމީހުން އެންމެ ދެކޮޅު ހަދާ ކަންތަކެވެ.

ނަމަވެސް ހިތާމައަކީ މިއީ ހަމަ އެންމެ ގިނައިން ދިވެހިން ކުރަމުން އަންނަ ކަންތައްވެސް މެއެވެ.

ހަނގާ ކުރުމުގެ ޝިކާރައަކަށް އެންމެ ގިނައިން ދިވެހި ފަންނާނުން ވެފައިވާއިރު މިއަދުވެސް މިވަނީ މިފަދަ ކަމެއް ފެންމަތިވެފައެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރ/ މޭކަޕް އާޓިސްޓު/ އެކްޓަރ ޙުސެއިން ޝަދްޔާން (ސޭންޑީ) ގެ ފޮޓޯތަކެއް އޭނާގެ ހުއްދަވެސް ނެތި ނަގައި، ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ގެ ފޮޓޯތަކަކާއި ގުޅުވައިގެން ފޭސްބުކްގައި "ރަފާޙް" ކިޔާ މީހަކު ވަނީ އާންމުކޮށްފައެވެ.

ސޭންޑީގެ ފޮޓޯ ބޭނުންކޮށްގެން ރަފާޙް ހެދި މިޕޯސްޓަށް އެތައް ބަޔަކު ކޮމެންޓުކޮށް ސޭންޑީ އަށް ފާޑު ކިޔާފައިވެއެވެ.

ސޭންޑީއަކީ އަންހެން ގޮތް ހުންނަ އަންހެން ހެދުން އަޅާ މީހެއް ކަމަށް ބުނެ، ޖިންސު އޮޅިފަ ހުރި މީހެއް ކަމަށް ވެސް ބުނެފައިވާއިރު، އަނެއްބަޔަކު ބުނަނީ މިއީ ސޭންޑީ އަމިއްލައަށް "ދީޕިކާ" އަށްވާ ހިތުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

މިކަންކަމަށް މިއަދު ސޭންޑީ ވަނީ ރައްދެއް ދީފައެވެ.

ހަނގާ ކުރުމުގެ ސަބަބުން ފުން އަސަރުތަކެއް ކޮށްފައިވާ ސޭންޑީ އޭނާގެ ފޭސްބުކް ގައި ވެސް ޖެހި ޕޯސްޓެއް ''ދެން"އާއި ހިއްސާކުރަމުން ބުނީ، މިއީ އޭނާއަށް ވަރަށް ގިނައިން ކުރިމަތިވަމުން އަންނަ ކަމެއް ކަމަށާއި، މިފަހަރުވެސް މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށް އެހެނިހެން މައްސަލަތަކާއިވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. އެކި މީހުން ތަފާތުވާނެ. އެއީ ހަނގާ ކުރަން ޖެހޭ ސަބަބެއް ވެސް ނޫން. އެކަކު ވެސް ބޭނުމެއް ނުވާނެ ދެން ހުންނަ މީހަކު އެމީހަކަށް ހަނގާ ކުރާކަށް. ހަނގާ ކުރުމަކީ ރަނގަޅު ކަމެއް ވެސް ނޫން" ސޭންޑީ ބުންޏެވެ.

ސޭންޑީ އަށް ކޮށްފައިވާ ތުހުމަތުތަކަށް ސޭންޑީ ބުނީ އޭނާ އެއްވެސް އިރަކު "ދީޕިކާ" އަށް ވާން މަސައްކަތް ނުކުރާ ކަމަށެވެ.

"އެއްވެސް އިރަކު ނޫޅެން ދީޕިކާއަށް ވާކަށް. ޑިމްޕަލްއެއް އިންނަ ކޮންމެ މީހަކީ ދީޕިކާއެއް ނޫން. އަހަންނަކީ ދީޕިކާގެ ފޭނެއް. އެކަމަކު އޭގެ މާނައަކީ އަހަރެން ދީޕިކާ އަށް ވާން ބޭނުމެކޭ ނޫން. އަހަރެންގެ އަންހެން ގޮތެއް ހުރުމަކީ އަހަރެން ކުރާނެ ކަމެއް ނޫން. އެކަމަކު އެހެންނޭ ކިޔާފަ އަހަރެން އަންހެން ހެދުން އަޅައިގެނެއް ނޫޅެން. އެކަކަށްވެސް ނުފެންނާނެ އަހަރެން މޭކަޕްކޮށް އައިލައިނާރ އާއެއްޗެހި އަޅައިގެން އުޅޭތަނެއް ވެސް. އެހެންވީމަ މިގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ހިތާމަހުރި ކަމެއް. އަހަންނަކީ ވެސް އިހުސާސްތަކެއް ލިބިގެންވާ މީހެއް. އަހަރެންގެ ވެސް އާއިލާއެއް އޮވޭ. ހަނގާ ކުރުމުގެ ކުރިން އަނެކާއާއި ދޭތެރޭވެސް ވިސްނާލާނެ ނަމަ" ސޭންޑީ ބުންޏެވެ.

ތެދެކެވެ. ވަކި ބަޔަކަށް ހަނގާ ކުރުމަކީ "އޯކޭ" ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. ހަނގާކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ވެސް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!