ކުށްކުރުން އިތުރުވާތީ މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި
މާލެ ސަރަހައްދުގައި ކުށުގެ މައްސަލަތައް ހުށަހެޅެމުންދާ މިންވަރު އިތުރުވާތީ މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ އިއްޔެއިން ފެށިގެން މާލޭގައި އެ މުއައްސަސާއިން ހިންގާ އެ ހާއްސަ އޮޕަޝަރޭނަކީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގައި ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު އިތުރުވުމާއި ކުރިއަށް އޮތް އާ އަހަރަށް މާލޭގެ ރަށު ތެރޭގައި ކުށް ކުރުން މަދު ކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
އެ އޮޕަރޭޝަންގެ ތެރޭގައި މާލޭގެ ރަށުތެރެ ފުލުހުން ރަނގަޅަށް ބެލެހެއްޓުމުގެ ގޮތުން، މީހުން ހުއްޓުވައި ސުވާލު ކުރުމުގެ އިތުރުން އުޅަނދުފަހަރު ހުއްޓުވައި ބަލައި ފާސް ކުރުން ފަދަ ކަންކަން ކުރިއަށް ދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާފައިވާއިރު ވޭތުވެދިޔަ ހަފުތާގައި ފުލުހުން ވަނީ މާލޭން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސައިކަލު ހޯދައިފަ އެވެ. އަދި މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދޭ ބައެއް ފަޅުގެތައް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މީހުން ވެސް ފުލުހުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ.