ކޯލިޝަންގެ ކޮންމެ ބައިވެރިއެއްވެސް މުހިންމުވާނެ: އަބްދުﷲ ރިޔާޒް
ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއަކީ ވެސް މުހިންމު ބައިވެރިއެއް ކަމަށް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވައި ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ބަޔަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ހައްގުވާ މިންވަރު ދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކޯލިޝަންގެ ބައެއް ޕާޓީތަކަށް އެމަނިކުފާނަށް ރައްދުދޭކަށް ނުކެރެއެވެ. ސަބަބަކީ އެޕާޓީތަކުގެ ބޭބޭފުޅުން ސަރުކާރުގައި އަދާކުރައްވަމުން ގެންދަވާ މަގާމު ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.