ލައިފްސްޓައިލް

ސްޓްރޯބެރީ މޫން ފެނުނީ ސްޓްރޯބެރީ ކުލައަށްތަ؟ ހަނދަށް އެ ނަންދެވުނީ ކީއްވެ؟

ހަނދަކީ ގިނަ ބަޔަކު އެޔަށް ވަރަށް ލޯބިކުރާ އެއްޗެކެވެ. އަދި ލޯބިވެރިން ވެސް އެމީހުންގެ ވައުދާ ހުވާ ތައް ހެކި ކުރުމަށް ބޭނުން ކުރާ ފަރާތެކެވެ. މިފަދަ އެތަކެއް ސަބަބުންތަކާއެކު ހަނދު ވެފައި އޮންނަނީ ވަރަށް ހާއްސަ އެއްޗަކަށެވެ. އެގޮތުން މިރޭ ފެނުނު 'ސްޓްރޯބެރީ މޫން' އަކީ ވެސް ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރަމުން އައި ހަނދެކެވެ.

މިރޭ ފެނިގެންދިޔަ ހަނދު ކިތަންމެހައި ވެސް ފުރިހަމައެވެ. ނަމަވެސް ގިނަ ބަޔަކު މާޔޫސްވީ ހަނދުގެ ނަމާއި ހިލާފަށް ހަނދުގައި ސްޓްރޯބެރީގެ އެއްވެސް އަސަރެއް ފާޅުވާން ނެތީމައެވެ. އެންމެ ކުޑަ މިނުން ހަނދަށް ސްޓްރޯބެރީގެ ފިޔާތޮށި ކުލަ ވެސް އަރައި ނުލުމުންނެވެ.

ނަމަވެސް މިރޭގެ ހަނދަށް މި ނަމުން ނަން ދެވިފައިވަނީ ހަނދު އެކުލައިގައި ފެންނާތީއެއް ނޫނެވެ.

ހަނދަށް މި ނަމުން ނަން ދީފައިވަނީ އިހުގައި އެމެރިކާގެ ދިރިއުޅުނު ގަބީލާތަކުގެ މީހުނެވެ. ޖޫން މަހަކީ ސްޓްރޯބެރީ މޫސުން ކަމަށް ވެފައި ސްޓްރޯބެރީ އެންމެ ދޮންވެ ފައްކާވަނީ މި ހަނދު ފެންނަ ދުވަސްވަރު ކަމުން މި ހަނދަށް 'ސްޓްރޯބެރީ މޫން' ގެ ނަމުން ނަން ދެވުނީއެވެ. އެއްވެސް ހާލަތެއްގައި ހަނދު ސްޓްރޯބެރީ ކުލައަށް ބަދަލުވަނީއެއް ނޫނެވެ.

ކޮންމެއަކަސް މި ކަން ވެގެން ދިޔައީ ހަނދު ސްޓްރޯބެރީ ކުލައަށް އަރާނެ އިރަކަށް އިންތިޒާރުކުރި މީހުނަށް ވަރަށް ވެސް ހިތާމަވެރި ހަބަރަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!