ބިދޭސީންވެސް ވެކްސިން ޖަހަން ލާޒިމް ކުރަނީ
ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކީވެސް ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ މީހަކަށްވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކަންބޮޑުވާ މައްސަަލައެއް ކަމަށާ ރާއްޖޭގައި މަސައްކަތް ކުރާ ބައެއްގެ ސަބަބުން މުޖްތަމައަށް ނުރައްކަލެއް ނެތް ކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށްވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތްތާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ލާޒިމްކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށްވުމަށް. އެކަންކަން ލާޒިމުކުރުމުގައި ވިސާ ދޭ ޕްރޮސަސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނަން." އަމީން ވިދާޅުވިއެވެ.
ނަމަވެސް މިވަގުތު އަސާސީ އަމާޒު މިހުރީ މިހާރު ކުރިމަތިވެފައިވާ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވުމުގެ ކުރިން އެކަންކަން ހައްލުކޮށް، ދެން ކުރިމަތިވެދާނެ ކަންތައްތަކަށް ވިސްނައިގެން މަސައްކަތް ކުުރުން ކަމަށް އަމީން ވިދާޅުވިއެވެ.