ކުޅިވަރު

ތާރީޚުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ތިންވަނަ އެތްލީޓަކީ ކްރިސްޓިއާނޯ ރޮނާލްޑޯ

ކުޅިވަރުގެ ތާރީޚުގައި ބިލިއަން ޑޮލަރު ހޯދި މަދު އެތްލީޓުންގެ ލިސްޓުން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޖާގަ ހޯދައިފިއެވެ.

35 އަހަރުގެ ރޮނާލްޑޯއަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެންމެ ފުރަތަމަ އެތްލީޓެވެ. އަދި އޭނާއަކީ ހުރިހާ ކުޅިވަރަކުން ބަލާއިރު، ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ތިންވަނަ އެތްލީޓެވެ. މީގެ ކުރިން ބިލިއަން ޑޮލަރު ހޯދި އަނެއް ދެ އެތްލީޓުންނަކީ 2009ވަނަ އަހަރު މި ލިސްޓުން ފުރަތަމަ ޖާގަ ހޯދި ޓައިގާ ވުޑްސް އަދި 2017ގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފްލޮއިޑް މޭވެދާއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އޭނާގެ މުސާރައިންނާއި ބްރޭންޑް އެމްބެސެޑާރޝިޕްއިންނެވެ. މިގޮތުން އޭނާއަކީ މަޝްހޫރު ފުޓްބޯޅަ ބްރޭންޑް ނައިކީގެ އެންމެ އަގުބޮޑު އެމްބެސެޑަރެވެ.

މުސާރައިގެ ގޮތުގައި 17 އަހަރުގެ ކެރިއަރުގައި މިހާތަނަށް ރޮނާލްޑޯވަނީ 650 މިލިއަން ޑޮލަރު ހޯދާފައެވެ. މިހާރު ޔުވެންޓަސްއާއިއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމާއިއެކު މި އަދަދު 765 މިލިއަނަށް އަރާނެކަމަށް ބެލެވެއެވެ.

ރޮނާލްޑޯއަކީ އަމިއްލަ ބްރޭންޑްކަމަށްވާ "ސީއާރް7"ގެ ފްރެންޗައިޒެއް ގެންގުޅޭ މީހެކެވެ. މިގޮތުން އައްނައުނާއި ސެންޓުގެ އިތުރުން ހޮޓެލް ޗެއިނެއްވެސް އޭނާގެ އޮވެއެވެ.

ދުނިޔޭގެ ކުޅިވަރު އެތްލީޓުންގެ ތެރެއިން ދެން އެންމެ އަވަހަށް ބިލިއަން ޑޮލަރު ހޯދައި ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާނެކަމަށް ބެލެވެނީ ރޮނާލްޑޯއާއި ވާދަވެރި ލަޔަނަލް މެސީއެވެ. ރިޕޯޓްތައް ބުނާ ގޮތުން މެސީގެ އާމްދަނީ އަންނަ އަހަރު ބިލިއަން ޑޮލަރަށް އަރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!