މާލޭގެ ބްރާންޗުތަކުން ހިދުމަތްތައް ދޭނީ އެޕޮއިންޓްމަންޓް ދޫކޮށްގެން: ބީއެމްއެލް
މާލޭ ސިޓީގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ބްރާންޗް އަދި ސާވިސް ސެންޓަރުތަކުން އޮންލައިން ނޫން ހިދުމަތްތައް ދޭނީ އެޕޮއިންޓްމަންޓު ދޫކޮށްގެން ކަމަށް އެބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އަންނަ ހޯމަވަނަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަކުން މެންދުރުފަހު 2:00 އަކަށެވެ.
ބީއެމްއެލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތަށް ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.
ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.
ބީއެމްއެލްގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ބްރާންޗް ނުވަތަ ސާވިސް ސެންޓަރު ހިޔާރުކުރުމަށްފަހު ރިކުއެސްޓް ފޮނުވާލެވޭނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސްއަކުން ހުއްދަ ފޮނުވާނެއެވެ.
އަދި އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް 455 އަށް އެސްއެމްއެސް ކުރުމުންވެސް އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.