ގުޅިފަޅު މަޝްރޫއު މުހިންމު ވިޔަސް ފަރުތައް ހަލާކުވިޔަ ދީގެން ނުވާނެ: ނަޝީދު
މާލެ ސަރަހައްދު މައި ޕޯޓް ހެދުމަށް ގުޅިފަޅުގެ ބައެއް ހިއްކަން ފަށާފައިވާއިރު، އެމަޝްރޫއަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށާއި ނަމަވެސް އެމަޝްރޫއުގެ ސަބަބުން ފަރުތައް ހަލާކުވާން ފުރުސަތު ދީގެން ނުވާނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެ އެވެ.
އެމަޝްރޫއު ދިފާއުކޮށް ނަޝީދު މިއަދު ހެނދުނު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭގެ) ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމާ ރައްޔިތުން މަޖިލީހުގެ އިދާރާގައި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.
"މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވަނީ މާލޭގައި ދިރިއުޅުއްވާ އެހެންގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަދި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުން ވެސް މުހިންމު." ނަޝީދު ވިދާޅުވިއެވެ.
އެޓްވީޓާއި ގުޅިގެން ނަޝީދަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ކައިރީގައިވާ ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި ވަރުގަދަ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އީޕީއޭ އާއި ރައްޔިތުންގެ މަޖިލީހުން ލަފާދެމުން އަންނަ ކަމަށެވެ.
"އުންމީދުކުރަން ސަރުކާރުން އެ ފިޔަވަޅުތައް ބަލައިގަންނާނެ ކަމަށް،" ނަޝީދު ވިދާޅި އެވެ.
The Majlis & EPA are recommending new and stronger measures to protect the coral reefs near the ongoing dredging work in Gulhi Falhu. I believe Government will accept these. The Gulhi Falhu work is important & brings many benefits. But it can’t be allowed to destroy local reefs.
— Mohamed Nasheed (@MohamedNasheed) June 7, 2020
ނަޝީދު ވިދާޅުވީ ގުޅިފަޅު މަޝްރޫއަކީ ވަރަށް ގިނަ ފައިދާތަކެއް ލިބިދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެމަޝްރޫއުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބިގެން ނުވާނެ ކަމަށެވެ.
އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބޭތީ އާއި އެކަމުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ފްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށެވެ.
އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.