ލައިފްސްޓައިލް

ލޮކްޑައުން ގައި އަވަހަށް ތިޔަ ބަނޑު ހިންދާލަން އުޅޭ!

ދެން އެމްވީ ، ދެން އޮންލައިން

ކިތަންމެ ހިކި މީހެއްގެ ވެސް ބަނޑުގައި މަސްޖަހާފައި ހުރެދާނެ އެވެ. އަދި ގިނަ ފަހަރަށް ބަނޑުގެ މަސްތައް ވިރުވާލުން ވެފައި އޮންނަނީ ވެސް ނިކަން ބޮޑު ކަމަކަށެވެ.

Ads by MWSC

ބަނޑު ހިންދާލުމަށް ހެދޭނެ ޖާދޫ އެއް ނެތެވެ. ޝޯޓްކަޓެއް ވެސް ނެތެވެ. އަދި ބަނޑު ހިންދުމަށް އަގުބޮޑު ގަންނަ ކޮފީ އާއި ބަނޑު ހިންދާ ސައިން ވެސް ބަނޑު ނުހިނދޭތަން އާދެއެވެ. ނަމަވެސް ކުޑަ ކުޑަ ހިތްވަރެއް ލައިފިނަމަ ބަނޑު ހިންދާލެވިދާނެއެވެ.

ބަނޑު ހިންދާލުމަށްޓަކައި ފުރަތަމަވެސް ކުރަންވީ ކަމަކީ ޖަންކް ފުޑު ތަކުން ދުރުވުމެވެ. ސޮސެޖާއި މެޓަލާއި ޗޮކްލެޓު ފަދަ ތަކެއްޗަކީ ބަންޑު ހިންދަން ބޭނުން ނަމަ އެއްވެސް ގޮތަކަށް ކެއުން ރަނގަޅު އެއްޗެއްސެއް ނޫނެވެ. މީގ ބަދަލުގައި ފައިބާރ ގިނައިން ހުންނަ ކާނާ އާއި މޭވާ އާއި ތަރުކާރީ އާއި ފަތުގެ ބާވަތްތަކާއި އެއްގަމު މަސް އަދި ލޯފެޓް ޑެއިރީގެ ބާވަތްތަކާއި ބަދަން ފަދަ ކާން ގިނައިން ކާން އާދަ ކުރަން ފަށާށެވެ.

ބަރުދަން ލުއި ކުރުމަށް ތަފާތު ވައްތަރުގެ ކާނާ ބޭނުން ކުރާ ފަދައިން، ބަނޑު ހިންދުމަށް ވެސް ތަފާތު ވައްތަރުގެ ކާނާ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން އަގުހެޔޮ، ރަހަ މީރު އަދި ފަސޭހަ ކަމާއެކު ލިބެން ހުންނަ ކާނާ ބޭނުންކޮށްގެން ބަނޑު ހިންދާލެވިދާނެ އެވެ. އެގޮތުން މި ހިމަނާލަނީ ބަނޑު ހިންދާލުމަށް ހާއްސާ ބައެއް ކާނާއެވެ.

އާމަންޑު

މީރު ރަހަ އާ އެކު ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް ވެސް އާމަންޑުގައި އެކުލެވިގެންވެ އެވެ. އެގޮތުން، ބާރުގަދަ އެންޓި އޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން އީ އާއި ފައިބާ އަދި ހަކަތަ ލިއްބައިދޭ މެގްނީސިއަމް އަކީ އާމަންޑުގައި އެކުލެވޭ، ފާހަގަކޮށްލެވޭ މާއްދާ ތަކެކެވެ. އަދި އެއީ ޑައެޓު ކުރުމުގައި ކޮންމެހެން ވެސް މުހިއްމު މާއްދާތަކެކެވެ.

ބިސް

ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވެ އެވެ. އެހެންކަމުން، ބަނޑު ހިންދުމަށް ބޭނުން ނަމަ، ދުވާލަކަށް ބިހެއް ކާން އާދަކުރާށެވެ. (ތިބާ އަކީ ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ދިމާނުވާ މީހެއް ނަމަ އެވެ).

ބިހުގައި އެމިނޯ އެސިޑު ވެސް އެކުލެވިގެންވެ އެވެ. އެއީ ސިކުނޑީގެ ކެމިކަލްތަކާއި މަސަލް ފައިބާ އުފައްދަން ބޭނުންވާ މުހިއްމު މާއްދާ އެކެވެ.

އާފަލު

އާފަލުގެ 85 ޕަސެންޓަކީ ފެނެވެ. އާފަލު ކެއުމުން ބަނޑު ފުރޭ ކަމުގެ އިހުސާސް އެހާ އަވަހަށް ކުރުވަނީ އެ ސަބަބައްޓަކަ އެވެ. އެހެންކަމުން ބަނޑު ހިންދުމަށް އާފަލު ވެސް ބޭނުން ކުރެވިދާނެ އެވެ.

އާފަލުގައި "ކުއާސެޓިން" ކިއާ މާއްދާއެއް އެކުލެވިގެންވެ އެވެ. ކުއާޓެސިން އަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާ، ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދީ ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ކޮންމެ ދުވަހަކު އާފަލެއްކާ ނަމަ ބަލިތަކުން ދުރުކޮށްދޭނެ އޭ ބުނަނީ އެ ސަބަބައްޓަކަ އެވެ.

މަތީގައި ބަޔާން ކުރެވުނު ކާނާތައް ތިބާގެ ކޮންމެ ދުވަހެއްގެ ވެސް ޑައެޓުގައި ހިމަނާށެވެ. އެއީ ބަނޑު ހިންދުމަށް އެހީތެރިވެދިނުމާ އެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީ ތެރިވެދޭ ކާނާ ތަކެކެވެ. އަދި އަބަދުވެސް ހަނދާން ބަހައްޓާށެވެ. ގިނައިން ފެންބޮއެ، އެ ކާނާތަކާ އެކު ކަސްރަތު ކުރުން ވެސް ވަރަށް މުހިއްމެވެ. އަދި ފިކުރު ކުރުމާއި ދުރުވެ، ކޮންމެ ދުވަހެއްގެ ނިދި ހަމަ ކުރަން ވާނެއެވެ.

.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!