ކަންބަޅި ކެހެރީގައި އޮތަސް ހިޔަޅު ވާނީ ހިޔަޅަށް: ޣައްސާން
ކަންބަޅިތަކެއް ތެރޭގައި ކެހެރި ބަދަލުކޮށްގެން އޮތަސް ހިޔަޅުވާނީ ހަމަ ހިޔަޅަކަށް ކަމުގައި ވިދާޅުވެ، ތ. ގުރައިދޫ ދާއިރާ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު، މައުމޫން އަބްދުލްގައްޔޫމަށް ކުރިން ފާޑުކީ މީހުންނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ޣައްސާން މިހެން ވިދާޅުވީ ރާއްޖެއެމްވީގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އެ ލިޔުމުގެ ސުރުހީގައި ވަނީ ޣައްސާން މައުމޫނަށް މިއަދު ލޭގެ ގުޅުން މާ މުހިއްމުވެއްޖެ ކަމަށެވެ.
އެކަމާ ގުޅިގެން ޣައްސާން ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ބައެއް ހާދިސާތަކުގެ ހަނދާންތައް ވަނީ އާ ކުރައްވާފަ އެވެ. އަދި އެކަންކަން ރާވާ ހިންގީ ކޮން ބައެއްގެތޯ ވެސް ޣާއްސާން ވަނީ ސުވާލު ކުރައްވާފަ އެވެ.
ޣައްސާން ފުރަތަމަ ހަނދާން ކޮށްދެއްވީ 1983 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ނޮވެންބަރު 3، 1988 ގެ ހަނދާން ވަނީ އާ ކުރައްވާފަ އެވެ. އޭގެ ފަހުން ޖަނަވަރީ 8، 2008 ގައި ހއ. ހޯރަފުށީގައި މައުމޫން އަވަހާރަ ކޮށްލަން ހަށިކޮޅަށް ވަޅިން ހަމަލާ ދޭން މަސައްކަތްކުރި ހާދިސާގެ ހަނދާންތައް އާ ކޮށްދެއްވި އެވެ.
މިކަންކަން ފާހަގަކުރެއްވުމަށް ފަހު، 2008 ވަނަ އަހަރު އެއިރު ރައީސް މައުމޫނު ދިރިއުޅުއްވި އަލިވާގެ ދޮށަށް މީހުން އެއްކޮށް ގެއަށް ހަމަލާދީ ދޮރު ވައްޓާލުމަށްފަހު ގެއަށްވަންނަން އުޅެެ ރައީސް މައުމޫނުގެ ހަށިކޮޅަށް ހަމަލާދިނުމަށް އުޅުނީ ކޮންބައެއްތޯވެސް ޣައްސާން ވަނީ ސުވާލުކުރައްވާފައެވެ. އަދި އޭގެ އިތުރުން 90ގެ އަހަރުތަކުން ފެށިގެން ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއަށް ކީހާ އެއްޗެއް ހަނދާން ނެތުނީތޯވެސް ޣައްސާން އެއްސެވިއެވެ.
"ފެނާ ތެލާ އެކެއް ނުވާނެ، ލޭ އޮލަވާނެ، އޮޅިގެން އުޅެނީ ކޮންބަޔަކަށްބާ. " ޣައްސާން ވިދާޅުވިއެވެ.
2009 ga geydhoshah evve, alifaanboalha uka, gaa uka dhoru vattaalaa vannan ulhunee kon baeh ba? Fenaathelaa ekeh nuvaane. Ley ola vaane. Olhigen ves ulhenee kon bayakah ba?
— Mohamed Ghassan Maumoon (@mgmaumoon) June 7, 2020
ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން، ސިޔާސީ ނުފޫޒުން ކަމަށް މައުމޫނު ވަރަށް އަވަހަށް ވިދާޅުވާނެ ކަމަށް ޣައްސާން ދާދި ފަހުން ވަނީ ވިދާޅުވެއެވެ.