ކޮވިޑް19 އިން ރައްކާތެރިވުމަށް އެމެރިކާގެ ގިނަ ބަޔަކު ބްލީޗް ބޮނީ
އެމެރިކާ ގައި 39 އިންސައްތަ މީހުން ކޮވިޑް19 އަށް ރައްކާތެރިވުމަށް އެޅި އެކި ފިޔަވަޅުތަކުގެ ސަބަބުން ބަލިވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށް އެމެރިކާ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ވައިރަހުން ރައްކާތެރިވުމަށްޓަކައި ބްލީޗް ބުއިމާއި، ބްލީޗުން އާވި އަރުވާފައިވެސް ވެއެވެ. އަދި ކާން ގެންގުޅޭ ކާނާ ގަޔާއި މުޅި ގައިގައި ބްލީޗާއި ގޭގައި ބޭނުން ކުރާ އެހެނިހެން ޑިސްއިންފެކްޓު އުނގުޅާފައިވެސް ވެއެވެ.
އޮންލައިން ކޮށް ކުރި މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، އެމެރިކާ ގެ ރައީސް ޑޮނާލްޑް ޓްރަމްޕް މި ފަދަ އެއްޗެހި ބޭނުން ކުރުމުން ކޮވިޑް19 އަށް ފަރުވާ ލިބެޔޭ ބުނުމާއި ގުޅިގެންނެވެ.
މި ސާވޭ ގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދިރާސާ ގައި ބައިވެރިވި 19 އިންސައްތަ މީހުންވަނީ އެމީހުން ގެ ކެއުމަށް ބްލީޗް އަޅައިގެން ބޭނުން ކުރި ކަމަށް އެއްބަސްވެފައެވެ. އަދި 18 އިންސައްތަ މީހުން ވަނީ އެމީހުންގެ ގައިގައި ބްލީޗް އަދި އެހެނިހެން ޑިސްއިންފެކްޓު ބޭނުން ކުރި ކަމަށް ބުނެފައެވެ.
އަދި 4 އިންސައްތަ މީހުން ބްލީޗް ބޮއެފައިވާއިރު 6 އިންސައްތަ މީހުން ވަނީ ބްލީޗުން އާވި އަރުވާފައެވެ. އަދި 10 އިންސައްތަ މީހުން ވަނީ ބޮޑީ ސްޕްރޭ ގެ ގޮތުގައި ވެސް ބްލީޗު ބޭނުން ކޮށްފައެވެ.