ރިޕޯޓް

މިއަދަކީ ޝިމާގެ 21 ވަނަ އުފަން ދުވަސް: އާއިލާގެ އުއްމީދަކީ ޝިމާއަށް އިންސާފު ލިބުން

ދެން އެމްވީ ، ދެން އޮންލައިން

22 ފެބްރުވަރީ 2019 ވީ ހުކުރު ދުވަހުގެ ރޭ ލ.ކައްދޫ އިން ލ.މާމެންދުއަށް ޑިންގީ އެއްގައި ދަތުރު ކުރަމުން ދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާގައި ޑިންގީ ބަންޑުން ޖަހާލައި އުމުރުން އެންމެ 19 އަހަރުގެ ޝިމާ ވަނީ ގެއްލިފައެވެ. މި ޑިންގީގައި ދަތުރު ކޮށްފައި ވަނީ ދެ މީހުންނެވެ. އެ ޑިންގީ ބަންޑުން ޖަހައިލީ މާމެންދޫއަށް ދަތުރު ކުރާ ރޫޓުގައި އޮންނަ މީގެ ކުރިން މީހުން ދިރިއުޅެފައިވާ ،ގާދޫ އާއި އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ލާމް ކައިރި އަށެވެ.

Ads by MWSC

މިހާދިސާގައި އޭރު އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައިވާއިރު އެކުގައި ދަތުރު ކުރި އިބްރާހިމް ފަޒީލް، 24 ވަނީ ސަލާމަތް ވެފައެވެ. މިއަދު ޝިމާ ގެއްލުނު ފަހުން މިވަނީ އެތަކެއް ދުވަހެއް ފާއިތު ވެފައެވެ. 1 އަހަރާއި 3 މަހާއި 18 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ޝިމާ ފެންނާނެކަމުގެ ކުޑަ ނަމަވެސް އުއްމީދެއް މިއަދާ ހަމައަށް ވެސް ފެނިފައެއް ނުވެއެވެ.

މިއަދަކީ ޝިމާގެ އުފަން ދުވަހެކެވެ. ނަމަވެސް ޝިމާ ކޮބާ ހެއްޔެވެ؟ ޝިމާ ދުނިޔޭގައި އެބަހުރި ކަންވެސް ނުވަތަ ނޫން ކަންވެސް އާއިލާ އަކަށް ނޭނގެއެވެ. އެކަން ދެނެވޮޑިގެންވާނީ ކީރިތިވަންތަ މާތްﷲ އެވެ. ޝިމާ ފެނޭތޯ އާއިލާއިން ކުރާ އުއްމީދު އަދިވެސް ކަނޑައެއް ނުލައެވެ. ޝިމާގެ ލޯބިވާ މަންމަ ޝިރްމީނާ އަހްމަދުގެ ހިތާމަ އަކީ ލޯބިވާ ދަރިފުޅު ގާތުގައި ފެންނަން ނެތުމެވެ. ދުނިޔޭގައި ހުރިކަމެއް ވެސް ނެތް ކަމެއް ވެސް ނޭނގޭތީ އެވެ. އަދިވެސް އުއްމީދުކޮށްގެން ހުރީ ލޯބިވާ ދަރިފުޅާ ބައްދަލުވާނެ ދުވަހަކަށެވެ. ލޯބިވާ ދަރިފުޅުގެ ގައިގައި ލޯބިން ފިރުމާލެވޭނެ ދުވަހަކަށެވެ. ލޯބިން ބައްދާލާ ލޯބިވާވަރު ބުނެދެވޭނެ ދުވަހަކަށެވެ. އެ ލޯބިވާ ދަރިފުޅުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ޝިރުމީނާގެ ލޯ ކަރުނުން ފުރެއެވެ. ވާނީވެސް އެހެންނެވެ. މަންމައަކު ދަރިއަކު ދެކެ ވާ ލޯތްބަކީ ދުލާއި ގަލަމުން ބަޔާން ނުކުރެވޭނޭ ލޯތްބެކެވެ. އަބަދާއި އަބަދު ކެނޑިނޭޅި ކުރެވޭ ދުޢާ އަކީ އަދިވެސް އެއީ އެވެ. ޝިމާ ގަދަވެ ސަލާމަތުން ފެނުމެވެ. އުއްމީދު ކަނޑާލުމެއް ނުވާކަން ގައިމެވެ.

ޝިމާގެ އެއްބަނޑު އެއްބަފާ ، ދޮންބެ އަހްމަދު ޝައިނީ އަދިވެސް ހުރީ ލޯބިވާ ކޮއްކޮއާ ބައްދަލުވާނެ ކަމުގެ އުއްމީދުގައެވެ. ލޯބިވާ ކޮއްކޮ ހެޔޮހާލުގައި ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެ ލޯބިވާ ކޮއްކޮގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު، ހިތަށް ވެރިވަނީ ބަޔާން ކުރަންވެސް ދަތި ހިތާމައެކެވެ. ބޭނުންވަނީ ޝިމާއަށް އިންސާފު ލިބުމަށެވެ. ނުވަތަ ހެޔޮހާލުގައި ފެނުމަށެވެ.

ޝިމާ ގެއްލުނުއިރު ޝިމާގެ 18 މަހުގެ ތުއްތު ކުއްޖަކު އޮވެއެވެ. އެ ތުއްތު ދަރިފުޅަށް މަންމަގެ ލޯބި އަދިވެސް ލިބުމަކީ އާއިލާއިން ކުރާ އުއްމީދެވެ. އެ ދަރިފުޅަށް މަންމަގެ ލޯބި ބޭނުންވާނެ ކަން ޔަގީނެވެ. އަދިވެސް އުއްމީދު ކުރަނީ ހެޔޮހާލުގައި ހުރެ ބައްދަލު ވާނެ ކަމަށެވެ


ޝިމާގެ މައްސަލައިގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލު ތަކެއް ވެއެވެ. އާއިލާއިން އޮޅުން ފިލުވަން ބޭނުންވާ އެތަކެއް ވާހަކަ ތަކެއް މިއަދާ ހަމަ އަށް ވެސް އޮތީ ނޭނގިފައެވެ. ސުވާލަކީ ޝިމާ ހޯދުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ތޯ އެވެ؟ ޝިމާ ދަތުރު ކުރި ޑިންގީ ހަމަ ހަގީގަތުގައި ވެސް ބަންޑުން ޖަހާލީ ހެއްޔެވެ؟ ޝިމާ ހަމަ ހަގީގަތުގައި ވެސް ގެއްލުނީ ހެއްޔެވެ؟ ނުވަތަ ޝިމާ ގެއްލުމުގެ ފަހަތުގައި ވަނީ ބައެއްގެ ރޭވުމެއް ހެއްޔެވެ؟

ޝިމާ ގެއްލުނުތާ ކުޑަ ދުވަސް ކޮޅެއް ފަހުން ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން މާމެންދޫ އިން ފުރައިގެން ދިޔަ ޑިންގީ އެއް ފުލުހުން ވަނީ ހުއްޓުވާފައެވެ. އެ ޑިންގީ ހުއްޓުވީ ޝިމާ ގެއްލުނު ސިކްސް ސެންސް ރިސޯޓު ކައިރިންނެވެ. އެ ޑިންގީގައި ތިބި 3 މީހުންވެސް ތިބީ މޫނު ނިވާ ކޮށްފައިކަމަށް ރަށުގެ ބައެއް މީހުންނާއި ހަވާލާދީ ވާހަކަ ތަކެއް ދެކެވުނެވެ. އަދި ޝިމާ އާއެކު ދަތުރުކޮށް ސަލާމަތްވި އިބްރާހިމް ފަޒީލް ވެސް މި ޑިންގީގައި ހިމެނޭ ކަމަށް ހަބަރުތައް ރިޕޯޓް ކުރިއެވެ.

22 އޭޕްރީލް 2019ގައި ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުރަތަމަ ފަހަރަށް އެ މައްސަލައިގެ ތަހުގީގު ބުރީފް ކޮށްދީފައެވެ. އެގޮތުން ޝިމާ ގެއްލިފައިވަނީ ވަކި މީހަކު ހިންގި އަމަލަކުން ކަން ބުނަން ދަތި ކަމަށާއި ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާކަމަށް ތަހުގީގުން މިހާތަނަށް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެންމެ ބޮޑު އެއް ވަޢުދަކީ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނަށް އިންސާފް ހޯދައިދިނުމެވެ. އެކަމަށްޓަކައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން އެމަނިކުފާނު ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. މިހާތަނަށް އެއްވެސް މައްސަލައެއް ނުނިމި އޮތް އެ ކޮމިޝަންގެ މެންޑޭޓްގައި ވެސް ޝިމާ ގެއްލުނު މައްސަލައެއް ނެތެވެ.މިކަމާ ވަރަށް ގިނަ ބަޔަކު ވަނީ މީސް މިޑިޔާގައި ނުރުހުން ފާޅުކޮށްފައެވެ.

ޝިމާ ހޯދުމަށް ފުލުހުން އެތައް ބަޔަކާ ސުވާލުކޮށް މައްސަލަ ތަހުގީގު ކޮށްފައިވެއެވެ. އަދި 10 މޭލު ވައިގެ މަގުން ބަލައި 5 ޑައިވް ކުރިއެވެ. އެގޮތުން 1900 އަކަ ކިލޯމީޓަރު ބެލިކަމަށް ވެއެވެ. އަދި 17 ރަށް ބަލައި ޗެކު ކުރި ކަމަށާއި 9 ސީސީޓީވީ ފޫޓޭޖް ބެލި ކަމަށް މައުލޫމާތު ލިބެއެވެ.

ދެން އެމްވީ އިން އެދެނީ ޝިމާއަށް އިންސާފު ލިބުމަށެވެ. އަދި ދުނިޔޭގައި ހުރިނަމަ ހެޔޮހާލުގައި އާއިލާއާ ބައްދަލު ވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!