ރިސޯޓު އޯނަރުންނާއި ގެސްޓްހައުސް އޯނަރުން ބޭނުންވަނީ ކޮވިޑް އާއެކު ވެސް ފަތުރުވެރިކަން ފަށަން
އައު އާއްމުހާލަތުގައި ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ތާއީދުކުރައްވާ ކަމަށް، އެދާއިރާގައި މަސައްކަތްކުރައްވާ ގިނަ ސްޓޭކް ހޯލްޑަރުންތަކެއް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ރޭގައި ގެެނެސްދިން "ބޮޑު ސުވާލު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން މަންތާ އެއާރ ގެ ސީއީއޯ މުޙައްމަދު ޚަލީލް ވިދާޅުވީ "ނިއު ނޯމަލް" ނުވަތަ "އައު އާއްމު ހާލަތު" އާއި އެއްގޮތަށް ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށާއި އެގޮތުން ފްލައިޓް ތެރޭގައި ވެސް މާސްކު އެޅުމާއި ސެނިޓައިޒަރ ބޭނުން ކުރެވޭނެ ގޮތަށް ހުރުން މުހިންމު ކަމަށެވެ. އަދި އެއާލައިން ތަކުން ވެސް އެކަންކަން ގާތުން ބަލާ މޮނިޓާ ކުރަން ޖެހޭނެކަން ވެސް ޚަލީލް ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަމާއި ގުޅިގެން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްއޫލުވެރިންނާ މަޝްވަރާކޮށް، ފަތުރުވެރިކަމާ ގުޅޭ ޚާއްސަ ގައިޑްލައިންތަކެއް ހަދަމުންދާ ކަމަށާއި އެގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން އައު އާންމު ޙާލަތުގައި ބޯޓުތައް އޮޕަރޭޓް ކުރުމާ ގުޅޭ އެސްއޯޕީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެއިތުރުން އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދް ވިދާޅުވީ އައު އާއްމު ހާލަތުގައި ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށާއި އެކަމަށްޓަކައި އެޖެންސީތަކުން ވެސް ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި ވައިގެ ބަނދަރުތައް އެކަމަށް ތައްޔާރަށް ތިބިތޯ ބެލުން މުހިންމު ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އިކުއިޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، ގަން އެއާޕޯޓް ބޭނުންކޮށްގެން ސަރަޙައްދުގައި ފަތުރުވެރިކަން ހިންގުމަކީ އައްޑޫގެ ކުރިއެރުމަށްވެސް ލިބޭނެ ފުރުސަތެއް ކަމަށާއި ދެކުނުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމުގެ ވާހަކަތައް މިހާރުވެސް ދެކެވެމުންދާ ކަމަށެވެ.