މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދޭން ޤާނޫނުގައި ހިމަނަނީ
ވަޒީފާއާއިބެހޭ ޤާނޫނަށް އިސްލާހްތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްގައި ވަޒީފާ ނެތް މީހުންނަށް އިނާޔަތްދިނުމަށާއި އެންމެ ކުޑަ އުޖޫރަ ކަނޑައަޅުމަށް މަޖިލިސް މެމްބަރުން ބޭނުންވެއްޖެއެވެ.
ވަޒީފާއާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ސަރުކާރަށް ނިސްބަތްބާ ޕާޓީގެ މެމްބަރުންވަނީ އެބިލަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެންމެ ކުޑަ އުޖޫރައަކަށް ދޭނެ ވަރެއް ބިލުގައި ކަނޑައަޅަން ވެސް މެމްބަރުން ތާއީދު ކުރައްވާފައިވާއިރު އެންމެ ކުޑަ އުޖޫރަ ތިން ގިންތިއަކަށް ބަހާލައިގެން ދިނުމަށް ވެސް ވާހަކަ ދައްކާފައިވެއެވެ.
މީގެއިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް މިހާރު ހުށައަޅާފައިވާ ބިލްގައި ވަޒީފާ ދޭ ފަރާތުން ވަޒިފާއާ ބެހޭ އެއްބަސްވުން ނުހަދާނަމަ ޖޫރިމަނާ ކުރަން ވަނީ ހުށައަޅާފައެވެ. އަދި ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތަކީ ހަމަސް ދުވަސް ކަމުގައިވެސް ކަނޑައަޅާފައިވެއެވެ.
ނަމަވެސް އެބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތަކަށް އެއީ ދިގުމުއްދަތެއް ކަމަށާއި މިހާރު އިން ގޮތަށް އެމުއްދަތު ތިން މަސްދުވަސް ގޮތުގައި ބޭއްބުމަށް ތާއީދު ކުރައްވާ ކަމަށެވެ. ހަމަސް ދުވަހަކީ އެންމެ ރަނގަޅު މުއްދަތުކަމުގައި ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު، ޕެންޝަން ފަންޑަށް ނަގާ ވަރު މިހާރަށް ވުރެ ކުޑަ ކުރަން ޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދިޔަ އަތައް ލިބޭ މިންވަރު ބޮޑު ނުވާނެކަން ޝަރީފް ފާހަގަ ކުރައްވާފައިވެއެވެ.
ހަމަ އެހެންމެ އެންމެ ކުޑަ އުޖޫރަ ދިނުމަށް ގާނޫނުން ލާޒިމްކޮށް ބިލް ފާސްކުރާއިރު ގާނޫނު ތަންފީޒުކުރަން ފަށާނެ ތާރީޚެއް ކަނޑައެޅުމާމެދު ކޮމެޓީ މަރުހަލާގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު ހަ މަސްދުވަހަށް ބަދަލު ކުރަން އެންމެ ރަނގަޅުގޮތް ކަމަށެވެ. އަދި އެހެންމެ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ވަޒީފާގެ ހައްގުތައް ކަށަވަރު ޔަގީންކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.