ތިން މަސް ފަހުން އެމްވީ ކްރައިސިސް ޝުމްބާ ގޮންގް ގެ ފޯނު އަނބުރާ ދީފި
"އެމްވީކްރައިސިސް" ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރާ ކަމަށް ބުނެ، ފުލުހުން އަތުލި އެ ކޮމިއުނިޓީ ހިންގަމުން އަންނަ އަހުމަދު އަޝްރަފް (ޝުމްބާގޮންގު)ގެ ފޯނު ތިން މަސް ފަހުން އަނބުރާ ދީފިއެވެ.
މިކަން ހާމަކޮށް ޝުމްބާ އޭނާ ކުރި ޓްވީޓެއްގަިއ ބުނެފައިވަނީ 3 މަސް ފަހުން ފޯނު އަނބުރާ ލިބިއްޖެ ކަމަށާއި 21 ވަނަ ގަރުނުގައި ކުށެއްގެ ތުހުމަތަށް ފޯނުން ހެކި ލިބިދާނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ.
އަދި އޭނާ ވަނީ ހޯޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
" ޕޮލިސިން އާ ބެހޭ ގޮތުން އަތްމަތީ ފޮތެއް ވެސް ނުކިޔަވާ ޝެއިޚް އިމްރާން އަށް ފުލުހުންގެ މިނިސްޓަރު ކަން ހަވާލުކުރީމަ ވާނީ މިހެން" އޭނާ ބުނެފައިވެއެވެ.
އެމްވީ ކްރައިސިސް ހިންގާ ފަރާތް ކަމަށްވާތީ އެ މައްސަލައިގެ ހެކި އަދި ގަރީނާ ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން އަތުލާފައިވަނީ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. ޝުމްބާއަށް ތުހުމަތު ކޮށްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓު ފޯމެއް ކަމަށްވާ އެމްވީ ކްރައިސިސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމެވެ.