ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭރުވެސް ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ތަކުލީފެެއް ކަމަށާއި ހާއްސަކޮށް ޕީރިއަޑް ވެގެން ގަދަޔަށް ބަނޑުގައި ރިއްސާތީ ސަލާމް ބުނަން މަޖުބޫރުވާ އަންހެނުންނާއި، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް މިކަމުން އުނދަގޫ ވާނެކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
އެމްސީ ނުލައި 15 ދުވަހު ސަލާމް ބުނެވޭ ގޮތް ހަދަނީ
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން މަޝްވަރާކޮށްފި އެވެ.
ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ އާ އިސްލާހާއި ގުޅިގެން ގިނަ ރައްޔިތުންގެ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެ އިސްލާހުގައި ވަނީ ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް ސަލާމަތުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.
އެއިސްލާހާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރު އަދި ކެންދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެޕާޓީގެ ޕީޖީ ގުރޫޕްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް ކޮމިޓީގައި އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ޕީޖީ ގައި ވަނީ މަޝްވަރާ ކުރެވިފަ. އެގޮތުން އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް އިރާދަކުރެއްވިޔާ ކޮމިޓީގައި އިސްލާހު ކުރެވޭނެ
— Ahmed Easa (@MPahmedeasa) June 8, 2020
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެ އެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.