ޚަބަރު ރައްޔިތުންގެ މަޖިލިސް

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް އާދިއްތަ ދުވަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ 2020 އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.

Ads by MWSC

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއް ގޮތަށް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ބިލުގެ އިބްތިދާއީ ބަހުސް އާއި ކޮމިޓީން ދިރާސާ ކުރުމުގެ މަރުހަލާއަށް އަންނަ އާދީއްތަ ދުވަހު އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައެވެ.

އީވާ އަބުދުﷲ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ބާއްވަން އިއުލާން ކޮށްފައިވާ ކައުންސިލް އިންތިހާބު ލަސްވަމުންދާތީވެ، އިތުރަށް ލަސްވިޔަ ނުދިނުމަށް ގާނޫނީ ހުރަސްތައް ނައްތާލައި އިންތިހާބު ބޭއްވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ބިލް އިސްލާހްކޮށް، ބިލް ނިމެންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އާދިއްތަ ދުވަހަށް ފަހު ޖަލްސާތައް ބޭއްވޭނެ ތާވަލު ކަނޑައެޅޭނީ ބަހުސްގެ މަރުހަލާގައި މެންބަރުން ބައިވެރިވުމަށް އެދޭ މިންވަރުގެ އިތުރުން ކޮމިޓީގެ މަސައްކަތަށް ފަހުގައިކަން އީވާ ފާހަގަ ކުރެއްވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!