މި ސަރުކާރުން ހުޅުމާލޭގައި ބިންގާއެޅި ފްލެޓްތަކުގެ 85 ޕަސެންޓް ފައިނޭންސް އަދިވެސް ހަމަ ނުޖެހޭ: މުއިއްޒު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ހުޅުމާލެ ސެކަންޑް ފޭސް ގައި ބިންގާ އެޅި 1700 ހައުސިން ޔުނިޓްގެ މަސައްކަތް ފަށާފައިވަނީ އެކަމަށް ބޭނުންވާ ފައިނޭންސްގެ 85 ޕަސެންޓްވެސް ހަމަ ނުޖައްސާ ކަމަށާއި އެކަން ހަމަޖެހުމުގެ ފުރުސަތުވެސް ވަރަށް ހަނި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިންގާއެޅި 1700 ފްލެޓްގެ މަސައްކަތް ފަށެށިއިރު، އެކަމަށް ބޭނުންވާ ފައިސާގެ 85 ޕަސެންޓްވެސް ހަމަ ނުޖެހޭ ކަމަށެވެ. އަދިވެސް ހަމަނުޖެހޭ ކަމަށާއި އެފައިސާ ހަމަޖެހުމުގެ ފުރުސަތުވެސް ވަރަށް ހަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ ސެކަންޑް ފޭސް އިން ފެންނަން ހުރީ ހަމަ އެކަނި ކުރީގެ ރައީސް އަބުދުﷲ ޔާމީން ފައްޓަވާފައިވާ މަޝްރޫއުތައް އެކަނި ކަމަށެވެ.
Meeves olhigen kurevunu kamehtho? Bingaa elhi iru,85% finance hamanujehey. Adhives hamanujehey.Hamajehumuge furusathuves varah hani.Adhi Hulhumale phase 2 in fennanee hamaekani RY fattavaafaivaa mashroou thah @Mihaarunews @sunbrk @avasmv @VaguthuOnline @dhenonline @DhiyaresNews pic.twitter.com/2L6V2XHOB8
— Dr Mohamed Muizzu (@MMuizzu) June 9, 2020
މުއިއްޒު މިގޮތަށް ވިދާޅުވެފައި މިވަނީ ހުޅުމާލެ ފޭސް ދޭއްގައި ރައީސް ޔާމީން އަޅުއްވައި ދެއްވި ހިޔާ ފްލެޓްތައް ހަވާލު ކުރުން ލަސްވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ކުދި ކޮތަރު ކޮށިތަކެއްގެ ގޮތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސިފަ ކުރައްވާފަ އެވެ. އަދި އެއީ ދަރަނީގެ ދަންތުރަ ތަކެއް ކަމަށްވެސް އެމަނިކުފާނު ވަނީ ސިފަ ކުރައްވާފަ އެވެ.
"ފަސްޓް ޓައިމް ހޯމް ބަޔާސް" އަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުމާއި ސައިނޯ ހައިޑްރޯ ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓެވެ.
މި ސަރުކާރުން 1700 ފްލެޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ދެ އަހަރު ދުވަހު ނިންމަން ހަވާލު ކުރި މި މަޝްރޫއަށް 133 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން އިން ލަފާ ކުރެ އެވެ.