ފުލުހުންނާ ޒާތީނުވުމަށް ޝަރީފް ގޮވާލައްވައިފި
އެމްޑީޕީގެ މެންބަރުން ޒާތީވެ، ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައިގެން އެ މުއައްސަސާގެ މައްސަލަތައް ހައްލު ނުވާނެ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެ އެވެ.
ސަރުކާރު ފަރާތުން ހުށަހެޅި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފުލުހުނަށް އިތުރު ބާރުތައް ދިނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ކޮރަޕްޝަނާއި ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް އެމްޑީޕީ މެންބަރުން ތުހުމަތު ކުރެއްވި އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ޝަރީފު ވިދާޅުވީ ފުލުހުންގެ ތެރޭގައި ނުރަނގަޅު ކަންކަމާއި އަނިޔާ ކުރުން ފަދަ ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށާއި ނަމަވެސް އެ މުއައްސަސާއިން ރައްޔިތުންނަށް ކޮށްދޭ މަސައްކަތުގެ އަގު ވެސް ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަކީ މުހިންމު މަސައްކަތްތެއް ކުރާ ބައެއް ކަމަށާއި އެ މުއައްސަސާގެ މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން މެންބަރުން ޒާތީވެ މުޅި މުއައްސަސާގެ އަގު ވައްޓާލާ ނަމަ ރައްޔިތުން ފުލުހުންނަށް އިތުބާޜު ކުރުން ހުއްޓާލަފާނެ ކަމަށެވެ.
"އަޅުގަނޑުމެން ޒާތީވެ ފުލުހުންގެ މަދު ބަޔަކު ކުރި ގޯސް ކަމަކާ ހެދި މުޅި އިދާރާ ތަޣައްޔަރުކޮށް އެއީ މުޅި އިދާރާގެ ނަން ހަރާބު ކުރެވޭ ގޮތަކަށް ބަހުސް ކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީގެ މެންބަރުން ކުރި ކަމަކަށް ވިޔަސް އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކުރާ ކުށުގެ އަދަދު މައްޗަށް ދާއިރު ކުށްވެރިންނަށް އޮތް ފުރުސަތު ފުޅާވާ ގޮތަށް ފުލުހުންނަށް ފާޑު ކިޔައި އެ މުއައްސަސާއަށް ދޭން ޖެހޭ ބާރުތަކާއި ވަސީލަތްތައް މަދު ކުރުމުން އަމާންކަން ގެއްލޭނެ ކަމަށެވެ. އަދި ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ވަސީލަތް ބޭނުން ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށާއި އެހެނިހެން ވަސީލަތްތައް ވެސް ދީ މުއައްސަސާ ވަރުގަދަ ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ އެކަން ބެލުމާއި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގާނޫނުތަކާ ގަވައިދުތައް ހެދުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަަށާއި ހަދަން ޖެހޭ ގާނޫނުތައް ނުހަދާ މެންބަރުންގެ މައްސޫލިއްޔަތުތައް އަދާ ނުކޮށް ދުރުގައި ތިބެގެން ފާޑު ކިޔުމަކީ ފަސޭހަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.