ޚަބަރު

ޝަރީއަތްތައް ލައިވްކޮށް ދެއްކުމަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެއަށް ލިބުން ކުރިއެރުމެއް: ޓެކްނޮލޮޖީ މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

މީސްމީޑިއާ މެދުވެރިކޮށް ޝަރީޢަތް ބާއްވަން ފެށުމަކީ ޓެކްނޯލޮޖީގެ ރޮނގުން ރާއްޖެ ހާސިލްކުރި ކުރިއެރުމެއް ކަމަށް ކޮމިއުނިކޭޝަން، ސައިންސް
އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީވެ، ކޯޓުތަކުގެ ޝަރީއަތްތައް މެދު ނުކެނޑި ބޭއްވުމުގެ ގޮތުން މީސްމީޑިއާ މެދުވރިކޮށް ޝަރީއަތްތައް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރަމުން އަންނައިރު ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައެއް ލައިވްއެއް ނުކުރެ އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މީސްމީޑިއާ މެދުވެރިކޮށް ޝަރީޢަތް ބާއްވަން ފެށުމަކީ ޓެކްނޯލޮޖީގެ ރޮނގުން ރާއްޖެ ހާސިލްކުރި ކުރިއެރުމެއް ކަމަށާއި އިތުރު ކުރިއެރުންތަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީސްމީޑިއާ މެދުވެރިކޮށް ސުޕްރީމް ކޯޓުން ފުރަތަމަ ޝަރީއަތް ބާއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އަދި ހައިކޯޓުގެ ފުރަތަމަ ޝަރީއަތް ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ޝަރީއަތްތައް ބޭއްވުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއި ޖުޑީޝަރީއާ ދެމެދު ވީޑިއޯ ލިންކް ގާއިމުކުވިފައި ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު ގައުމީ ކޮމްޕިއުޓާ ވިއުގަ މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތް ދިނުމުގެ ގޮތުން މިނިސްޓްރީންނާއި އެ މިނިސްޓްރީން ހިންގާ ހުރިހާ އިދާރާތަކުން ކުރެވެން ހުރި މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެކްނޮލޮޖީއާ ގުޅިގެން ކުރެވެން ހުރި މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެ އެވެ.

ޝަރީއަތްތައް މީސްމީޑިއާ މެދުވެރިކޮށް ދައްކަން ފަށާފައިވާއިރު، ފެމެލީ ކޯޓުން އަންނަނީ ކައިވެންޏާއި ވަރިކޮށް ދިނުމުގެ ކަންކަންވެސް އޮންލައިންކޮށް ކޮށްދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!