ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އަންގައިފި
ކޮވިޑް-19 އާ ގުޅިގެން ނިއު ނޯމަލްގައި ސްކޫލުތަކުގެ ކިޔަވައިދޭން ފެށުމަށް ތައްޔާރުވުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ބުނީ، ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ސާކިއުލާގައިވެ އެވެ.
ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައިވެ އެވެ. އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.
ސާކިއުލާގައި ބުނީ ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ސާކިއުލާގައިވެ އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަން ވަނީ އަންގައިފަ އެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭއިން ކަމަށެވެ. އެހެންނަމަވެސް ސްކޫލުތަައް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ސާކިއުލާގައި އަންގާފައިވާ އިރުޝާދުތަކުގެ މަތީން ކުރިއަށް ގެންދިޔުމަށް އަންގާފައިވެއެވެ.