ޚަބަރު

ދިވެހި މަސައްކަތްތެރިންނަށް އެހީވާން ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރު ކުރި މީހުންނާއި މަސައްކަތްތެރިނަށް އެހީވާން ސަރުކާރުން ހިންގާ "އިންކަމް ސަޕޯޓް" މަޝްރޫ އަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 198,4 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަކުރެވިގެންދާނެ އެވެ.

މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި އެކުލިވިގެންވަނީ، ސަރުކާރުން ތައާރަފުކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.

އެގޮތުން، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހަރަދުތައް ފޫބެއްދުމަށް އެހީތެރިކަމެއް ލިބިގެން ދާނެ އެވެ. އަދި ރާއްޖޭގައި، ވަކިން ހާއްސަކޮށް ތޮއް ޖެހިފައިވާ މާލެ ސިޓީގައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި ތިބުމަށް އެހީއަކަށް ވެގެން ދާނެ އެވެ.

"މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ. ހަމަ އެއާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިޡާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ،" ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވަނީ ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު މިދިޔަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ، އަމިއްލަ މަސައްކަތްތެރިންނަށް މިހާތަނަށް 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!