ދުނިޔެ

ބައިޑަން ހުވާ ކުރުމާ ދިމާކޮށް ހަމަނުޖެހުން ހިންގަފާނެތީ 50 ސްޓޭޓް އެލާޓަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެއްވުން ބޭއްވިޔަ ނުދީ ގިނަ މަގުތަކެއް މިހާރުދަނީ ބަންދު ކުރަމުން -- ފޮޓޯ/އޭއެފްޕީ

މިދިޔަ ނޮވެންބަރ މަހުގެ ތެރޭގައި އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވި ރައީސް ޖޯ ބައިޑަން އާއި ނައިބު ރައީސާ ކަމަލާ ހެރިސް، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ދިމާކޮށް ހަމަނުޖެހުން އުފައްދަފާނެ ކަމުގެ ބިރަށް އެމެރިކާގެ 50 ސްޓޭޓާއި ވެރިކަން ކުރާ ޑިސްޓްރިކްޓް އޮފް ކޮލަންބިއާ އެލާޓަށް ގެނެސްފިއެވެ.

Ads by WAMCO

އެމެރިކާގެ 50 ސްޓޭޓާއި ވޮޝިންޓަން ޑީސީގައި ސަލާމަތީ ހާލަތު ވަރުގަދަ ކުރީ ބައިޑެން ހުވާ ކުރައްވާ ދުވަހު ރިޔާސީ އިންތިޚާބުން ބަލިވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕްގެ ސަޕޯޓަރުން ހަމަ ނުޖެހުން އުފައްދަފާނެތީއެވެ. އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ވަނީ އެމެރިކާގެ ސްޓޭޓްތަކުގައި ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބޭ ކަމަށް މީގެ ކުރިން ބުނެފައެވެ.

މަޝްރަޙް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ހަމަނުޖެހުން ބޮޑަށް ހިނގާނެ ކަމަށް ލަފާ ކުރެވެނީ، ކުޑަ ތަފާތަކުން ބައިޑަން ކާމިޔާބު ކުރެއްވި ސްޓޭޓުތައް ކަމަށްވާ ވިސްކޮންސިން، މިޝިގަން، ޕެންސިލްވޭނިއާ އަދި އެރިޒޯނާ ގައެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ފަދަ ހަމަނުޖެހުމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ގައުމުގެ އެކި ހިސާބުތަކުން ނޭޝަނަލް ގާޑުގެ ސިފައިން ވަނީ ވޮޝިންޓަނަށް ފޮނުވައި ފައެވެ. ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ޤާނޫން ހަދާ ގެޔަށް ވަދެ ޓްރަންޕްގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން އުފައްދާފައެވެ. މިހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި 4 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު، މިހަމަ ނުޖެހުންތަކަށް ބާރުދޭ ކަމަށް ބުނެ ޓްރަންޕް ވަނީ އިންޕީޗް (އަޒުލު) ކޮށްފައެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ވެރިރަށުގެ އެކި މަގުތަކުގައި މިހާރު ދަނީ ބެރިކޭޑް ޖަހަމުންނެވެ. ބައިޑަންގެ ޓީމުން މިހާރު ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގައުމުގެ އެކި ހިސާބުތަކުން ވޮޝިންޓަނަށް ސަޕޯޓަރުން ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!