އަލަތު ދަރިފުޅު ދެކިލަން އަންނާނެ އިރެއްގެ އިންތިޒާރުގައި އިން އަނބިމީހާއާއި ބައްދަލު ކުރީ ފިރިމީހާގެ ފުރާނަ ނެތް މަސްގަނޑު
އިންޑިއާގެ ކޮޗިން އަށް ނިސްބަތްވާ އަތީރާ ގީތާ ބޭރު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދީ އެގައުމުގެ ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެންނެވެ. ފިރިމީހާ ނިތިން އާއެކު ދުބާއީގައި ދިރިއުޅެމުން ދިޔަ އަރީތާ ބޭނުންވީ ވިހެއުމަށް އޭނާގެ ވަޒަނަށް ދާށެވެ. ފުރަބަންދާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ހުރި އުނދަގޫތަކުގެ ސަބަބުން އަތީރާ އަމިއްލަ ވަޒަނަށް ދިޔުމަށް ހުށަހެޅި ޕެޓިޝަނަށްފަހު އޭނާ ވަނީ މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު ކޮޗިންއަށް ގޮސްފައެވެ.
ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވިހާނެ ކަމަށް ބެލެވުނު ނަމަވެސް އަތީރާއަށް ދިމާވި މައްސަލަތަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ،އޮޕަރޭޝަން ކޮށްގެން ދަރިފުޅު ވަނީ ނަގާފައެވެ. އާއިލާއަށް އިތުރުވި އަލަތު ދަރިފުޅާއެކު އަތީރާ އުއްމީދު ކުރަމުން ދިޔައީ ފިރިމީހާ ނިތިންއާއި ބައްދަލު ކުރެވޭނެ ދުވަހަކަށެވެ. ލިބުނު އަލަތު ދަރިފުޅާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުން ދިޔަ ނަމަވެސް އޭނާ ފިކުރު ބޮޑުވެ ހާސްވަމުން ދިޔަ ކަމަކީ ހޯމަ ދުވަހުން ފެށިގެން ފިރިމީހާ ނިތިންއާއި ނުގުޅޭތީއެވެ. ދަރިފުޅު ލިބުނުއިރު ވެސް ފިރިމީހާއާއި ނުގުޅޭތާ ދެ ދުވަސް ވެއްޖެއެވެ.
މި ފިކުރާއި ހާސްކަމުގެ މަތީގައި ހުއްޓާ އަތީރާގެ ޙަޔާތް ބަނަކޮށްލީ ފިރިމީހާގެ މަރުގެ ޚަބަރުންނެވެ. ދުބާއީގައި ނިތިން ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޯމަ ދުވަހު ހެނދުނުއެވެ. ކުއްލި ގޮތަކަށް ނިދީގައި މަރުވި ނިތިންގެ ހަށިގަނޑު އަންގާރަ ދުވަހު ގައުމަށް އެނބުރި ގެންދިޔަ އިރު ވެސް އަތީރާ އޮތީ ވިހަން ގެންދިޔަ އެމްއައިއެމްއެސް ހޮސްޕިޓަލްގައެވެ. ދުބާއީގެ ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ނިތިން މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
އަތީރާއަށް ނިތިންގެ މަރުގެ ޚަބަރު ދިނީ އެކަމަށްޓަކައި ހޮސްޕިޓަލްގައި އިންތިޒާމްކުރި ކައުންސިލިން ސެޝަންއެއްގައެވެ. އަދި އެއަށް ފަހު އެމްބިއުލެންސްގައި ނިތިންގެ ހަށިގަނޑު ވަނީ އެ ހޮސްޕިޓަލަށް ގެނެސްފައެވެ. އަލަތު ދަރިފުޅާއެކު ބައްދަލުވެ އުފާވެރި ދުވަސްތަކެއް ހޭދަ ކުރުމަށް އުއްމީދު ކުރަމުން ދިޔަ އަތީރާއާއި ބައްދަލު ކުރީ ފިރިމީހާގެ ފުރާނަ ނެތް މަސްގަނޑެވެ. އަތީރާ ، ފިރިމީހާގެ މޫނު ދެކިލަން ޖެހުނީ ހޮސްޕިޓަލްގެ ޕާކިން އޭރިއާގައި އޮތް އެމްބިޔުލެންސުންނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އަތީރާ ނެރެގެން ޕާކިން އޭރިއާއަށް ގެންދިޔަ މަންޒަރު އިންޑިއާގެ ބައެއް ޓީވީތަކުން ވަނީ ލައިވްކޮށް ދައްކާފައެވެ.