މިޔުޒިކީ ޙަޔާތަކީ ފައިސާހުރެ ހަނަފަސް ސަހަރާއެއްގައި އުޅުންފަދަ ޙަޔާތެއް: ސުޢާދު
ސުޢާދު ޢަބުދުއްރަޙީމް ނުވަތަ ޒިޕްސް މިޔުޒިކާއެކު ހޭދަ ކުރި ދުވަސްތަކަކީ ފައިސާހުރެ ހަނަފަސް ސަހަރާއެއްގައި އުޅުންފަދަ ޙަޔާތެއް ކަމަށް އޭނާ ބުނެފިއެވެ.
ރެޕް މިޔުޒިކްގައި ކުރިން މަޝްހޫރު ކަމެއް ހޯދި ޒިޕްސް މިޔުޒިކާއި ދުރުވީ ކީއްވެތޯ އާއި ދެން މިޔުޒިކް ނުކުޅޭނަންތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށާއި އެފަދަ މީހުންނަށް ދިން ޖަވާބެއްގެ ގޮތުގައި އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މިޔުޒިކާއި ދުރުވުމަކީ ޙަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި ދުޢާއަކީ (މިޔުޒިކްގައި ހަރަކާތްތެރިވާ) އޭނާގެ ލޯބިވާ އެކުވެރީންނަށް ވެސް ޙައްޤަށް ވާސިލްވުގެ ތައުފީގު ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވުން ކަމަށް ސުޢާދު ބުނެފައިވެއެވެ.
''ވިސްނެން ފެށުނީ ދުނިޔެވީ މަޝްހޫރުކަމާއި ފައިސާއިން އުފަލެއް ހާސިލް ނުވާހެން ހީވި ހިސާބުން ، ﷲ ގަންދީ ބުނަން އޭރު ދިރިއުޅުމުގައި ލިބި ދިޔައީ ހަމަބުއްދިއެއް ހުރި މީހެއް ތަހައްމަލް ކުރަން ބޭނުން ނުވާނެ ކަހަލަ ޙަޔާތެއް ، ދުނިޔަވީ އުފާތަކުން އުފަލެއް ނެތްކަން އިހްސާސްވުމުން އަމިއްލަ ނަފްސަށް އެތަކެއް ސުވާލު ތަކެއް ވެރިވި" ކުރީގެ ދިރިއުޅުމާއި ގުޅޭ ގޮތުން ސުޢާދު ލިޔެފައިވެއެވެ.
މިޔުޒިކީ ހަޔާތުގައި ބޭނުން ކަމެއް ކުރުމަށް ނުވަތަ ބޭނުން ކޮންމެ އެއްޗެއް ގަންނަށް ފައިސާ ހުރި ނަމަވެސް އެކަމުން އުފަލެއް ނުލިބޭކަން ސިފަ ކުރަމުން ސުޢާދު ބުނީ އެ ދުވަސްވަރުގެ މިސާލަކީ ފައިސާ ހުރެ ހަނަފަސް ސަހަރާއެއްގައި އުޅުން ކަމަށެވެ.
މިޔުޒިކާއި ދުރުވެ މިހާރުގެ އިހްސާސްތަކާއި ގުޅޭ ގޮތުން ސުޢާދު ބުނީ ނަމާދާއި ގާތް ވެވުނު ވަރަކަށް ލިބެމުން ދިޔަ ހިތްހަމަ ޖެހުމާއި އުފާ ތަކުގެ ސަބަބުން ދިރިއުޅުމަށް ލިބުނު ފާގަތިކަން ހިތަށް ވެސް ނުގެނެވޭހާ ޗާލު ކަމަށެވެ. އަދި ކަނޑައެޅިގެން ހަރާމްކަމެއްކަން އެނގިހުރެ ، ލަވަތައް ނެރެ އެލަވަތައް މީސްތަކުން އެލަވަތައް އަޑުއެހުމުގެ ސަބަބުން އެމީހުންނާއި ﷲ ތަޢާލާއި ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމަށާއި އެކަމުގެ ސަބަބަކަށް ވާން ބޭނުންވާނީ ކާކުތޯ ސުއާދު ވަނީ ސުވާލުކޮށްފައެވެ.
''މި ސުވާލުތައް އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން މުހިންމު ، ހަގީގީ އުފާވެރިކަން ބޭނުން ކަމުގައި ވަނީނަމަ ފުރިހަމަ މުސްލިމަކަށް ވާން އަޒުމް ކަނޑައެޅުން ބުއްދިވެރި، މި ފަނާކުރުވަނިވި ދުނިޔެ މީ ވަގުތީ ތަނެއް ، ﷲ ތަޢާލާ އަކީ ، ކުށް ކުރެވި އެކަމަށް ހިތާމަކޮށް ތައުބާވާ މީހުންދެކެ ލޯބިވެ ވޮޑިގެންވާ އިލާހު، ތިބާގެ ޒުވާން އުމުރު ހޭދަ ކުރީ ކިހނަކުންތޯއާއި ތިބާ ކައިބޮއި އުޅުނީ ހަލާލު ތަކެތިންތޯ ސުވާލު ކުރެވޭ ދުވަހު ، އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ހިތްވަރު މި ދުލުގައި ހުންނާނެތޯ" ސުޢާދު ބުނެފައިވެއެވެ.