ކުޅިވަރު

އަންހެން ވަރލްޑްކަޕް ބާއްވަން ކުރި ބިޑު ބްރެޒިލުން އަނބުރާ ގެންގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް އަންނަނީ ބޮޑެތި އަސަރުތަކެއްކުރަމުންނެވެ. މިގޮތުން ޤައުމީ ލީގުތަކާއި، ބޮޑެތި ކުޅިވަރު މުބާރާތްތައްވެސްވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި ޖޫން މަހު ބާއްވަން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި، ޖަޕާންގައި ބާއްވަން ހަމަޖެހިފައިއޮތް އޮލިމްޕިކްސްވެސް ހިމެނެއެވެ.

Ads by MWSC

ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އިގްތިސާދަށްވެސް އަންނަނީ ބޮޑެތި ގެއްލުންތަކެއްވަމުންނެވެ. މިކަމުގެ އަސަރު ކުޅިވަރުގެ ކުރިއަށްހުރި މުބާރާތްތަކަށްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލުންވަނީ 2023ގެ އަންހެން ފުޓްބޯޅަ މުބާރާތް ބާއްވަން ކުރި ބިޑު އަނބުރާ ގެންގޮސްފައެވެ.

2023 ވަނަ އަހަރުގެ އަންހެނުންގެ ވަރލްޑްކަޕް ބާއްވާ ޤައުމު ކަނޑައެޅުން އޮތީ މިމަހުގެ 25ގައެވެ. އަދި މި މުބާރާތް ބާއްވަން 8 ޤައުމަކުންވަނީ 7 ބިޑެއް ހުށަހަޅާފައެވެ. އެއީ ބްރެޒިލް، އާޖެންޓީނާ، ދެކުނު ކޮރެއާ، ދެކުނު އެފްރިކާ، ޖަޕާން، ކޮލަމްބިޔާ އަދި ނިއުޒީލެންޑާއި އޮސްޓްރޭލިއާއިން ގުޅިގެން ކޮށްފައިވާ ބިޑެވެ.

ބްރެޒިލުގައި ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން އަންނައިރު، އެގައުމުން މިހާތަނަށް 35 ހާސް މީހުންވަނީ މި ބަލީގައި މަރުވެފައެވެ. އެގައުމުގެ ފުޓްބޯޅަ އިދާރާއިން ބުނީ ޤައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ މި ދަނޑިވަޅުގައި ބޮޑު މުބާރާތެއް ބޭއްވުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށެވެ.

ބްރެޒިލްގެ އިތުރުން ދެކުނު ކޮރެއާ، ދެކުނު އެފްރިކާ އަދި އާޖެންޓީނާއިންވެސްވަނީ އެގައުމުގެ ބިޑުތައް އަނބުރާ ގެންގޮސްފައެވެ. ބްރެޒިލުން މިހާރު ތާއީދުކުރަން ނިންމާފައިވަނީ މި މުބާރާތް ބާއްވަން ކޮލަމްބިޔާއިން ކޮށްފައިވާ ބިޑަށެވެ. ކޮލަމްބިޔާއިން ހުށަހަޅަނީ 10 ސިޓީއެއްގެ 10 ދަނޑެއްގައި މުބާރާތުގެ މެޗުތައް ކުޅޭށެވެ. ކޮލަމްބިޔާގެ އިތުރުން މުބާރާތް ބާއްވާން ކޮށްފައިވާ އަނެއް ދެ ބިޑަކީ ޖަޕާންގެ ބިޑާއި، އޮސްޓްރޭލިޔާ އަދި ނިއުޒީލެންޑް ގުޅިގެން ހުށަހަޅާފައިވާ ބިޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!