ހައުސިން މިނިސްޓަރަކަށް ފާރިސް މައުމޫން، އެމްޑީޕީގެ ތެރޭގައި ނުރުހުން!
ހައުސިން މިނިސްޓަރގެ މަޤާމުގައި ހުންނެވި އާތިފާ ޝުކޫރު އިސްތިޢުފާ ދެއްވުމާއި ގުޅިގެން ، ހުސްވެފައިވާ އެ މަޤާމަށް އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ފާރިސް މައުމޫން ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ''ދެން'' އަށް މައުލޫމާތު ދެމުން ބުނީ ހައުސިން މިނިސްޓަރގެ މަޤާމުގައި އާތިފާ ހުންނެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް) ސްލޮޓެއްގައި ކަމަށްވުމާއެކު ރައީސް ސޯލިހުގެ ވިސްނުންފުޅަކީ އެމަޤާމު އެމްއާރްއެމްއަށް ދެއްވުން ކަމަށާއި ފާރިސް މައުމޫނަށް އެމަޤާމު ދެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހްގެ މި ނިންމެވުމާމެދު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ނުތަަނަވަސްކަން އުފެދިފައިވާކަން ވެސް ''ދެން'' އަށް ވަނީ އެނގިފައެވެ. އެގޮތުން މި ނޫހާއި ވާހަކަ ދެއްކެވި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރަކު ވިދާޅުވީ ކެބިނެޓްގެ ވަޒީރުންގެ މަސައްކަތުގެ ފެންވަރާއި މެދު ސުވާލު ކުރެވޭ މި ދަނޑިވަޅުގައި ވަކި ޕާޓީއަކަށް ގޮނޑި ދިނުމުގެ ވިސްނުމަށް ވުރެ ފައިދާ ބޮޑު ގޮތަކީ ޤާބިލް ބޭފުޅަކު އެމަގާމަށް އިސްކުރުން ކަމަށެވެ. އަދި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން ވެސް ވަކި ޕާޓީއަކަށް ނުބައްލަވާ ރައީސް ސޯލިހް އެމަގާމަށް އިސްކުރެއްވީ ގާބިލް ކަނބަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރ މިއަދު އިސްތިއުފާ ހުށަހެޅުއްވިއިރު މިރޭ އެމްއާރުއެމް އިން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމަކީ ކޮންކަމަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް ތައްޔިބު ޝަހީމް ވެސް ވަނީ ހައުސިން މިނިސްޓަރ އަކަށް އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ފާރިސްކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.ފާރިސް އެ މަގާމަށް އައްޔަން ކުރުމަށް ދެކޮޅު ކަމަށް ބުނެ އެމްޑީޕީގެ ބައެއް ސަޕޯޓަރުން މި ޓްވީޓަށް ރިޕްލައި ކުރިއިރު އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ އެއީ ސައްޙަ ޚަބަރެއް ނޫން ކަމަށެވެ.