ހައުސިން މިނިސްޓަރުކަން ދެންވެސް ދޭނީ އެމްއާރުއެމްގެ ބޭފުޅަކަށް ކަމަށް ރައީސް ވިދާޅުވި: އެމްއާރުއެމް
ހައުސިން މިނިސްޓަރު ކަމަށް ދެން ވެސް އައްޔަން ކުރައްވާނީ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ހުށައަޅާ ބޭފުޅަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އާތިފާ ޝަކޫރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވާފައެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ގެނައި އާތިފާ އިސްތިއުފާ ހުށަހެޅުއްވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
ހައުސިން މިނިސްޓަރ މިއަދު އިސްތިއުފާ ހުށަހެޅުއްވިއިރު މިރޭ އެމްއާރުއެމް އިން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމަކީ ކޮންކަމަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އެކަމަނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެންވެސް އެ މަގާމަށް އައްޔަން ކުރައްވާނީ އެމްއާރްއެމްއިން ހުށައަޅާ ބޭފުޅަކަށް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާފައިވާ ކަމަށް އެޕާޓީގެ އޮފިޝަލަކާ ހަވާލާދީ "އަވަސް" ނޫހުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އޭނާ ވިދާޅުވީ އެ ޔަގީންކަން ރައީސް ސޯލިހް ވަނީ ރައީސް މައުމޫނަށް ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ރޭ ބޭއްވި އެމްއާރްއެމްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލްވުމުގައި އެ ވާހަަކަފުޅު އެގްޒެކްޓިވް ކޮމެޓީގެ މެންބަރުންނާއި އެކަން ހިއްސާ ވެސް ކުރައްވާފަ އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ''ދެން'' އަށް މައުލޫމާތު ދެމުން ބުނީ ހައުސިން މިނިސްޓަރގެ މަޤާމުގައި އާތިފާ ހުންނެވީ އެމްއާރުއެމް ސްލޮޓެއްގައި ކަމަށްވުމާއެކު ރައީސް ސޯލިހުގެ ވިސްނުންފުޅަކީ އެމަޤާމު އެމްއާރްއެމްއަށް ދެއްވުން ކަމަށާއި ފާރިސް މައުމޫނަށް އެމަޤާމު ދެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.