މިފަދަ ކަންކަން ހިނގާކަން ފާހަގަވެ، ކުއްލި ސިއްހީ ހާލަތްތަކުގައި ވެސް މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރަައީސް ފައިސަަލް ނަސީމް ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.
ތުއްތު ކުދިން ނިޔާވާ މައްސަލާގައި ޣައްސާންގެ ކަންބޮޑުވުން: ހާދިސާތައް ތަހުގީގުކުރަން ޖެހޭ!
ތިން މަސް ތެރޭގައި، ވިހެއުމުގެ ކުރިންނާއި ވިހެއުމަށްފަހު ތުއްތު ފަސް ކުދިން ނިޔާވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ތ. ގުރައިދޫ ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ އިއްޔެ ބާރަށުގެ މާބަނޑު އަންހެނެއްގެ ދަރިފުޅު ބަނޑަށް ނިޔާވި ޚަބަރު ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ.
ކޮވިޑް-19އާ ގުޅިގެން ރަށްތައް ބަންދުކޮށްފައި ދަތުރުފަތުރު އޮތީ ހުއްޓިފަ އެވެ. އޭގެ ފަހުން މާބަނޑު މީހުންނަށް ގަވައިދުން ކުރަންޖެހޭ ޗެކްއަަޕްތައް ކުރުމުގައި ދަތިތައް ދިމާވެ، ބަނޑު ތެރެއަށް ދަރިފުޅު މަރުވުން ފަދަ ހާދިސާތައް ދިމާވެފައި ވެއެވެ. އެގޮތުން، ތޮއްޑޫގައި އާއި ނަރުދޫ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ހާދިސާއެއް މި ފަހުން ހިނގައިފި އެވެ. އަދި ދ. ކުޑަހުވަދޫގައި ވިހެއުމަށް ފަހު އެއްމާބަނޑު ދެ ކުދިން މަރުވި މައްސަލައެއް ވެސް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ.
ޣައްސާން ވިދާޅުވީ އިދާރީ ގޮތުން ހުންނަ ހުރަސްތަކަކީ އޭގެ ސަބަބުން ސަލާމަަތަށް ބުރޫއަރާ ކަންކަމަށް ވެގެން ނުވާނެ ކަމަށާއި ފުރާނަތައް ހިރާހަށް ހުށަހެޅިގެން ނުވާނެ ކަމަށެވެ.
އަދި ދިވެހިރާއްޖެއަކީ އުފަންވުމުގައި ތުއްތުކުދިން މަރުވާ މިންވަރު ވަރަށް ދަށުގައި ގިނަ ދުވަސްތަކެއްގައި ހިފަހައްޓާފައިވާ ޤައުމެއްކަން ޣައްސާން ފާހަގަކުރެއްވިއެވެ. އެގޮތުން ޣައްސާނުގެ ފާއިތުވި ދިހަ އަހަރު ތެރޭގައި ރާއްޖޭގައި ވިހެއުމުގައި މަރުވާ ތުއްތުކުދިންގެ ނިސްބަތްހުރީ ކޮންމެ 1000 ކުދިންގެ ތެރެއިން 8.6 މިންވަރުގައި ހިފަހެއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ތިން މަސްތެރޭގައި ފަސް ކުދިން މަރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް. އަދި ކުރިމަގުގައި އެފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް މިފަދަ މައްސަލަތައް ތަހުގީގުކުރަން ޖެހޭ." ޣައްސާން ވިދާޅުވިއެވެ.
Maldives has maintained low infant mortality rates (8.6/1000 live births) for decades. Five perinatal deaths in two months is of much concern. Administrative red tape must not compromise safety nor risk lives. Should be investigated to prevent further negligence. @UNICEF @WHO https://t.co/OW9Dgg2yh4
— Mohamed Ghassan Maumoon (@mgmaumoon) June 11, 2020