ޚަބަރު

1 ލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކުރި ބިދޭސީ މީހާއަށް ފައިސާގެ އިނާމާއެކު 1 މަސްދުވަހުގެ ކެއުން ހަމަޖައްސައިދީފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން އެރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ (ދިވެހި ރުފިޔާ 100000) ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދީފިއެވެ.

Ads by Sosun Fihaara

މި ޖޫން މަހުގެ 10 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަން ގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ.

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތްކަމަށްވާ ދަފްތަރު ނަމްބަރ 1912، ޢަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިން އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފައިވެއެވެ. އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި، ފައިސާ ހޮވިފަރާތް ކަމަށްވާ އެމް.ޑީ ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތް ކަމަށްވާ ޢަލީ ޢަބްދުއްސައްތާރާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްގެ އިތުރުން އައްޑޫ ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ބައިވެރިވެފައިވެއެވެ.

ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައިވަނީ މި ޖޫންމަހުގެ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި ޖޫންމަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!