އަލްޙާންގެ ރައްދު އުމަރަށް: ދިވެހިން ހިލޭ ދިރިއުޅުމެއް ބޭނުމެއް ނޫން، ބޭނުންވަނީ ފުއްދުންތެރި ދިރިއުޅުމެއް!
ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ މާބަނޑު މީހުން ހޮސްޕިޓަލަށް ދާން ޖެހޭ ދަތުރު ހިލޭ ކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން އެކަމަށް އަލްޙާން ފަހުމީ ރައްދުދެއްވައިފިއެވެ.
ވެރިކަން ލިބިއްޖެނަމަ މާބަނޑު މީހުން ހޮސްޕިޓަލަށް ދާން ޖެހޭ ދަތުރު ހިލޭ ކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އުމަރު ނަސީރު ވިދާޅުވެފައިވާ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން އަލްހާން ވިދާޅުވީ ދިވެހިން ތިބީ ހިލޭ ދިރިއުޅުމެއް ހޯދުމުގެ ވިސްނުމެއްގައި ނޫން ކަމަށާއި ނިކަމެތި ކުރުމުގެ ވިސްނުން ދޫކޮށްލުމަށެވެ.
"ދިވެހިން ތިބީ ހިލޭ ދިރިއުޅުމެއް ހޯދުމުގެ ވިސްނުމެއްގައެއް ނޫން. އަމިއްލަ ޖީބުން ޚަރަދުކޮށް ލޯބިވާ އަނބިމީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ އުފާ ދިވެހި ފިރިންނަށް ހޯދައިދިނުން އެމީހުންނަށް މާ އަބުރުވެރި ވާނެ! ނިކަމެތިކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ!" އަލްހާން ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ފޭދޫ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލްހާން ގެ ވިސްނުން މިހާރު ހުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކަމުގައިވެސް އޭނާވަނީ މިއަދު އިއުލާނު ކުރައްވާފައެވެ.