ކުޅިވަރު

ކޮވިޑް-19 ސަބަބުން ޕްރިމިއަރ ލީގުގެ ކުލަބުތަކަށް އެއް ބިލިއަން ޕައުންޑްގެ ގެއްލުމެއް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކަށް އެއް ބިލިއަން ޕައުންޑްގެ ގެއްލުމެއް ލިބޭނެކަމަށް ބެލެވިއްޖެއެވެ.

Ads by MWSC

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު، ޔޫރަޕްގެ ލީގުތައްވެސް ހުއްޓާލަން ޖެހުނެވެ. އަދި މީގެ އިތުރުން ޔޫރަޕްގެ ކުލަބުތަކަށް މާލިގޮތުންވަނީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކަށްވެސް ކޮވިޑް-19ގެ ސަބަބުން އުނދަގޫތަކާއިވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ކުލަބުތަކުން މާލީ ގެއްލުންތަކުން އަރައިގަތުމަށް ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ ކުޑަކުރިއިރު، މިދިޔަ މަހު ގިނަ މުވައްޒަފުން ޗުއްޓީއަށްވެސް ފޮނުވާލިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޕްރިމިއަރ ލީގުގެ ކުލަބުތަކަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީން އެއްބިލިއަން ޕައުންޑް ނުލިބޭނެކަމަށް ބެލެވެއެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުޅެން ޖެހުމުން އިސްތިހާރުތަކާއި ސްޕޮންސަރުންގެ އަތުން ލިބޭނެކަމަށް ލަފާކުރި ފައިސާގެ ބޮޑު އަދަދެއް ނުލިބޭނެއެވެ. މި ސީޒަންގައި ބާކީ 92 މެޗް އޮތްއިރު އާމްދަނީގެ ބޮޑު ބައެއް ނުލިބުމަކީ އަންނަ ސީޒަނަށް ޓީމްތައް ވަރުގަދަ ކުރުމަށް ކުރާނެ ހޭދަ ދަށްވާނެކަމެކެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގެ ކުލަބުތަކަށް 5 ބިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބުނެވެ. އަދި މި އަދަދު މި ސީޒަންގައި ރެކޯޑު އަދަދަކަށް އިތުރުވާނެކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ.

ކުލަބުތަކުންވެސް މާލީ ހިސާބުތައް އާންމުކުރަމުން އަންނައިރު، މާލީ ގެއްލުންތަކުން އަރައިގަތުމަށް ޓީމުތަކުން ދަނީ ލޯންތައް ވެސް ނަގަމުންނެވެ. މިދިޔަ މަހު އެކަނިވެސް ޕްރިމިއަރ ލީގުގެ އެންމެ ބޮޑު އެއް ކުލަބު މެންޗެސްޓަރ ޔުނައިޓެޑަށް 28 މިލިއަން ޕައުންޑްގެ ގެއްލުމެއް ލިބުނުއިރު، އައު ސީޒަނަށް ކުޅުންތެރިން ގަތުމަށް 125 މިލިއަން ޕައުންޑްގެ ލޯނެއް ނަގަން ޓޮޓްނަމުންވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!