ކުޅިވަރު

ޔުއެފާއިން ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ގޮތް ނިންމުން ޖުލައި މަހު

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕްގެ މުބާރާތްތައް ނުކުޅެވޭ ގޮތަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން މެންޗެސްޓާރ ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ގޮތެއް ނިންމުން އަންނަ ޖުލައި މަހަށް ތާވަލުކޮށްފިއެވެ.

Ads by Sosun Fihaara

ޔުއެފާއިން މިދިޔަ ފެބްރުއަރީގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރީ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދާއި ޚިލާފު ވެފައިވާތީއާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ. ކުރިއަށް އޮތް ދެ އަހަރުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓަ ސިޓީ ސަސްޕެންޑްކުރިއިރު، އެކުލަބު ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

މެންޗެސްޓަރ ސިޓީން ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އިސްތިއުނާފް ކޮށްފައެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ސީއޭއެސްގައި ހޯމަ ދުވަހު ފެށިއިރު،މި މައްސަލައިގައި ގޮތެއް ނިންމުން ޖުލައި މަހުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސީއޭއެސް އިން މި މައްސަލަ އަވަހަށް ބަލަން ނިންމީ ޔުއެފާގެ އެދުމުގެ މަތިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށުމުގެ ކުރިން މި މައްސަލައިގައި އަމަލުކުރާނެ ފައިނަލް ގޮތެއް ކަނޑައެޅުމަށެވެ.

ޔުއެފާގެ ތުހުމަތުތައް މެންޗެސްޓަރ ސިޓީން ދޮގުކުރަމުން އަންނައިރު، މީގެ ކުރިންވެސް ފީފާ ފައިނޭންޝިއަލް ފެއަރ ޕްލޭއާއި ޚިލާފުވެގެން އެކުލަބަށްވަނީ ފިޔަވަޅުއަޅާފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ސިޓީގެ ސްކޮޑުގެ އަދަދު މަދުކުރަން ނިންމީއެވެ.

މި ފަހަރުގެ މައްސަލަ ސީއޭއެސްއިން މިހާރު ބަލަމުން އަންނައިރު، އިނގިރޭސި އެފްއޭއިން ވެސް ވަނީ މިކަމުގެ ތެރެއަށް ވަދެފައެވެ. އެ އިދާރާއިންވެސް މި މައްސަލަ ބަލަމުން އަންއިރު، މިކަމަށް ޕްރިމިއަރ ލީގުގެ ގިނަ ކުލަބުތަކުން ތާއީދުކުރެއެވެ. އެފްއޭ އިން ކުރާ ތަހުގީގު ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކްލަބުގެ އަތުން 2014 ވަނަ އަހަރުގެ ލީގު ތަށި ނެގުމުގެ ފުރުސަތު ވެސް އެބައޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!