ޚަބަރު

ލޮކްޑައުންއާއެކު ބަރަހަނާ ސައިޓްތަކަށް ވަންނަ ދިވެހީންގެ ޢަދަދު ހައިރާންވާހާ މިންވަރަށް އިތުރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންގެ މި ޒަމާނުގައި ފާހިޝް ކަންތައްތަކަށް ހުރިހާ ދޮރެއް ވަނީ ހުޅުވާލެވިފައެވެ. ޝައިތާނާ ވަނީ އޭނާއާއި އޭނާގެ ބައިވެރިންގެ ވިސްނުމާއެކު ފާހިޝްކަންތައްތައް ކުރުމަށް ފަސޭހަ ވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. އޭނާގެ މަގަށް އައުރަ ކަޝްފު ކުރުމާއި ފާހިޝް މަޖައްލާތަކާއި ފިލްމްތައް މި ވަނީ އާންމު ކުރުވާފައެވެ. މިއީ ޒިނޭއަށާއި ފާހިޝް ކަންތައްތަކަށް މަގު ފަހިވާން އޮތް މަގުތަކެވެ.

Ads by STELCO

ޒިނޭއަށް މަގު ފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލުމެވެ. ބޭނުން މީހަކު ބޭނުން ވަގުތެއްގައި ބަރަހަނާ މަންޒަރުތައް ބަލާ ، ''ލޮލުގެ ޒިނޭ'' ކުރުމުގެ ފުރުސަތު މިއަދު ކޮންމެ މީހެއްގެ އަތުގައި އޮވެއެވެ. މިކަމުގެ ނުރައްކާތެރިކަން ޒުވާން ކުދީންނާއި އެހެން އުމުރުތަކުގެ ވެސް ގިނަ ބަޔަކަށް ވަނީ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ކައިވެންޏާއި ހަމަޔަށް ދާއިރު އިއްފަތްތެރި ކުއްޖަކު ހޯދުމަކީ މިޒަމާނުގައި ވަރަށް ނާދިރު ކަމެކެވެ.'

ސައިންސްވެރީން ހާމަކޮށްފައިވާ ގޮތުގައި ބަރަހަނާ މަންޒަރު ބެލުމަކީ އެކަމަށް ދެވި ހިފާ ބައްޔެކެވެ. އަދި އޭގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުކޮށް ސިކުނޑީގެ ސެލްތަކަށް އަސަރު ކުރާ ކަމެއް ކަމަށް ސައިންސްވެރީން ހާމަކޮށްފައިވެއެވެ.

ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ކޮންމެ ނިޢުމަތަކީ އެނިޢުމަތަކާއި މެދު ސުވާލު ކުރެވޭނެ ނިޢުމަތަކަށް ވީހިނދު އަދި ކޮންމެ ނިޢުމަތެއް ބޭނުން ކުރާ ގޮތް އެކަލާނގެ ދެނެވޮޑިގެން،ބައްލަވާ ވޮޑިގެން ވާއިރު އަހަރެމެންގެ އަތްފަޔާއި ލޮލުން ކުރެވޭ މިފަދަ ކަންކަމާއި މެދު ފުންކޮށް ވިސްނުން ހުއްޓެވެ. އެކަލާނގެ އަށް ވަންހަނާ ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

އިސްވެ ދެންނެވުނު ފަދައިން ލޮލުގެ ޒިނޭއަށް ހުޅުވިފައިވާ ފުރުސަތުތަކާއެކު ހިނގަމުން މިދާ ލޮކްޑައުންގައި ދިވެހި ރާއްޖޭގައި ބަރަހަނާ މަންޒަރު ބަލާ މިންވަރު މިވަނީ ހައިރާންވެ ލަދު ގަންނަން ޖެހޭ މިންވަރަށް އިތުރުވެފައެވެ.

އެކި ގައުމުތަކުގައި ވެބްސައިޓްތައް ބޭނުންކުރާ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ ސިމިލާ ވެބްސްއިން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގައި ގޫގުލްއާއި ޔޫޓިއުބު އަދި ފޭސްބުކްއަށް ފަހު އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ ދެ ވެބްސައިޓަކީ ބަރަހަނާ ސައިޓްތަކެވެ. އަދި އެންމެ ގިނައިން ބޭނުން ކުރާ 15 ވެބްސައިޓްތަކުގެ ތެރޭގައި ވެސް ބަރަހަނާ ސައިޓްތައް އެބަހުއްޓެވެ. ސިމިލާ ވެބްސްގެ މި ހިސާބުތަކަށް ބަލާއިރު ބަރަހަނާ ސައިޓްތަކަށް މި ކުޑަކުޑަ ދިވެހިރާއްޖެއިން ދުވާލަކު މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ހިތާމަ ހުއްޓެވެ. ލަދުވެތިކަން ހުއްޓެވެ. ﷲ ދެއްވި ރިޒުޤުން ކައިބޮއެގެން އެއިލާހުގެ ރިޒުޤުން ވަޞީލަތްތައް ހޯދައިގެން މި ކުރެވެނީ ކިހާބޮޑު ފާފައެއްތޯއެވެ. ސިއްރުން ބަރަހަނާ މަންޒަރު ބަލާއިރު ޢަމަލުތަކުގެ ފަތްތަކުގައި އެކަން ލިޔުއްވަމުންދާ ކަމާއި މެދު ޣާފިލް ވަނީތޯއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!